ދުނިޔޭގެ ވިޔަފާރި

ތުރުކީވިލާތުގެ އިންފްލޭޝަން ރޭޓު ރެކޯޑު ޢަދަދަކަށް މައްޗަށް


ތުރުކީވިލާތުގެ އިންފްލޭޝަން ރޭޓު ރެކޯޑު އަދަދަކަށް މަތިވެއްޖެއެވެ. ވޭތުވެދިޔަ 24 އަހަރު ދުވަހުގެ ތެރޭގައިވެސް އިންފްލޭޝަން ރޭޓު މަތި ނުވާހާ ބޮޑަށް މަތިވެ މިހާރު މި ރޭޓު ހުރީ %73.5 ގައެވެ. ކުރިއަށްއޮތްތަނުގައި މި ރޭޓު %76.55އަށް މަތިވާނެކަމަށްވެސް މިހާރު ވަނީ ލަފާކޮށްފައެވެ.

1998ވަނަ އަހަރަށްފަހު ތުރުކީވިލާތުގެ އިންފްލޭޝަން ރޭޓު މިހާތަނަށް އެންމެ މަތިވީ 2002ވަނަ އަހަރުއެވެ. އެ އަހަރު އެ ރޭޓު ހުރީ %73.2 ގައެވެ. ޓާކިޝް ސްޓެޓިސްޓިކަލް އިންސްޓިޓިއުޓްގެ ހިސާބުތަކުން ދައްކާގޮތުގައި ކޮންސިއުމާ ޕްރައިސް %2.98އަށް ވަނީ އިތުރުވެފައެވެ.

ދަތުރުފަތުރުގެ އަގު %108އަށް އުފުލިފައިވާއިރު ކާބޯތަކެތީގެ އަގު ވަނީ %92އަށް އިތުރުވެފައެވެ. ތުރުކީވިލާތުގެ ރަސްމީ ފައިސާ ލިރާގެ އަގުވެސް ވަނީ %0.25އަށް ވެއްޓިފައެވެ. މިއާއިއެކު އެމެރިކާ ޑޮލަރަކަށް މިހާރު ލިބެނީ 16.5050 ލިރާއެވެ. އިޤްޠިޞާދީ މާހިރުން ލަފާކުރައްވާގޮތުގައި ތުރުކީވިލާތުގެ އިންފްލޭޝަން ރޭޓު އަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް ދާނީ މަތިވަމުންނެވެ.

ތުކީވިލާތުގެ މާލީ ވަޒީރު ނޫރައްދީން މީގެކުރިން ވިދާޅުވިގޮތުގައި އަންނަ އަހަރުގެ އިންތިޚާބަށް އިންފްލޭޝަން ރޭޓު ދައްވާނެއެވެ. ނަމަވެސް ޤައުމުގެ ދަރަނި ބޮޑުވެ އިންފްލޭޝަން ރޭޓު ކިރިޔާވެސް ހަމަޔަކަށް އެޅޭނީ 2024 ވަނަ އަހަރު ނިމޭ ހިސާބުގައި ކަމަށް ސެންޓްރަލް ބޭންކުން މިހާރު ވަނީ ލަފާކޮށްފައެވެ.