ގޭގައި މަސައްކަތް ކުރުމުގެ ބަދަލުގައި އޮފީހުގައި މަސައްކަތްކުރުމަށް އެމެރިކާގެ އޮޓޯމޭޓިވް ކުންފުނި ޓެސްލާއިން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިފިއެވެ. އާ ޕޮލިސީ ހިއްސާކޮށްފައިވަނީ ކުންފުނީގެ ވެރިޔާ އީލޯން މަސްކް މުވައްޒަފުންނަށް ފޮނުވާފައިވާ އީމެއިލުންނެވެ. މި އީމެއިލްތައް މިހާރު ވަނީ ލީކުވެސް ވެފައެވެ.
މިކަމާއިގުޅިގެން ޓެސްލާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މުވައްޒަފުންނަށް ފޮނުވާފައިވާ އީމެއިލްތަކުގެ ތެރެއިން އެއް އީމެއިލްގައި ވާގޮތުގައި މަސައްކަތަށް އެބުރި އޮފީހަށް ނައިސްފިނަމަ ބަލާނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިވީ ކަމަށްކަމަށެވެ. އަދި ޓެސްލާގެ ކޮންމެ މުވައްޒަފަކުވެސް ހަފްތާއަކު މަދުވެގެން 40 ގަޑިއިރު މަސައްކަތުގައި ހޭދަކުރަން ޖެހޭނެކަމަށްވެސް އީމެއިލްގައިވެއެވެ. އަދި މުވައްޒަފުން މަސައްކަތަށް ނިކުންނަންވާނީ ކުންފުނީގެ ހެޑްއޮފީހަކަށް ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުގުޅޭ ދުރު ބްރާންޗެއްގައި ނޫންކަމަށްވެސް އީމެއިލްގައި އިތުރަށް ބުނެފައިވެއެވެ.
ކުންފުނީ ކާމިޔާބު ވާނީ އޮފީހަށް ގޮސް އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް މަސްކު ބުނެއެވެ. އޮފީހަށް ގޮސްގެން މަސައްކަތްކުރަން ނުޖެހޭ ކުންފުނިތައް އެބަހުރި ކަމަށާއި ނަމަވެސް އެމީހުން އެހާ ކާމިޔާބު ނޫންކަމަށް މަސްކު ވަނީ އީމެއިލްގައި ބުނެފައެވެ. މަޖުބޫރުވެގެން އޮފީހުގައި މަސައްކަތްކުރަން ދަތިވެއްޖެ ނަމަ އެ ކޭސްއެއް އޭނާ ބަލާނެކަމަށްވެސް މަސްކު ވަނީ ބުނެފައެވެ.
ކޯވިޑުގެ ބަލިމަޑުކަން ބޮޑަށް ފެތުރުނު ދުވަސްވަރު ވަރަށް ގިނަ ކުންފުނިތަކުން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް ހަމަޖައްސާފައެވެ.