21ވަނަ ޤަރުނުގެ ބަވަނަވެފައިވާ މި ދުނިޔޭގައި ޓެކްނޮލޮޖީއާއި ތަރައްޤީގެ ފޮނިމީރުކަން އިންސާނުން ހޯދަމުންދާއިރު، މިކަންކަން ފުރިހަމަވަނީ ހަކަތައާވެސް އެކުގައެވެ.
ފަހުގެ ޒަމާނީ އުފެއްދުންތައް ވަކިން ޚާއްސަކޮށް ގޭތެރޭގެ މަސައްކަތްތަކަށާއި، އޮފީސް މާޙައުލާއި، އާއްމު ދިރިއުޅުމުގެ ކަންކަން ފުއްދުމަށް އުފައްދާތަކެތީގެ ބޮޑުބައެއް ހިއްސާކުރަނީ ކަރަންޓް ބޭނުންކުރާ އާލަތްތަކެވެ. ކާރުޚާނާތަކުގައި ބޭނުންކުރާ ބޮޑެތި މެޝިންތަކުން ފެށިގެންގޮސް އަތުގައި އޮންނަ ސްމާޓްފޯނަށް ބަލާލިކަމުގައިވިޔަސް ހަކަތައިގެ މުހިއްމުކަމާއި ބޭނުންތެރިކަން ވަޒަންކޮށްލެވެއެވެ. އެހެންކަމުން އިންސާނުން ދިރިހުރުމަށް ނޭވާލުން މުހިއްމުވާފަދައިން، ހަކަތައަކީވެސް މިއަދު އެއާނުލައި އިންސާނުންނަށް ނޫޅެވޭވަރުގެ އެއްޗެކޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.
ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމެއްކަމުން، ހަކަތައިގެ ޔަޤީންކަން ހޯދުމަކީ ހަރުދަނާ އިޤްތިޞާދެއް ޤާއިމުކުރުމަށް މުހިންމު އަދި އެހާމެ ބޭނުންތެރިކަމެކެވެ. ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތު ތަންފީޒުކޮށް، ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.
މިއަހަރުގެ ބަޖެޓުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށް 941.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މީގެތެރެއިން އެކި ރަށްރަށުގައި ހިންގާ އިއާދަކުރަނިވި ހަކަތައާއި، ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫޢުތަކަށް 181.2 މިލިޔަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވެއެވެ. އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ އިތުރުން، ތެލަށް ކުރާ ޚަރަދު ކުޑަކުރެވި ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރަށްރަށުގައި ކަރަންޓު ފޯރުކޮށްދިނުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެގޮތުން އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ރާއްޖޭގައި ބޭނުންކުރަން ފަށާފައިވަނީ 2007ވަނަ އަހަރުގެ ތެރޭގައެވެ.
އޭރު އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ ނިސްބަތް ރާއްޖޭގައި ހުރީ އެންމެ 0.07 މެގަވޮޓްގައެވެ. ނަމަވެސް ސޯލާ ޕޭނަލް ހަރުކުރުމުގެ މަސައްކަތްތައް ފުޅާކުރެވި، ފާއިތުވި 14 އަހަރުގެ ތެރޭގައި މިހާތަނަށް 36.5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ރާއްޖޭގައިވަނީ ޤާއިމުކޮށްފައެވެ. މީގެތެރެއިން 20 މެގަވޮޓްއަކީ ވޭތުވެދިޔަ 3 އަހަރު ތެރޭގައި ޤާއިމުކޮށްފައިވާ ސޯލާ ހަކަތައެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިވަގުތު ރާއްޖޭގައި ހިންގާ މުހިއްމު މަޝްރޫޢުތަކަށް ބަލާއިރު، ތިލަފުއްޓާއި، އައްޑޫ ސިޓީގައި ކުނިން ހަކަތަ އުފައްދާ ޕްލާންޓްތަކެއް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ތިލަފުށީގައި ޤާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓް މެދުވެރިކޮށް މެދުވެރިކޮށް ދުވާލަކު 10 މެގަވޮޓާއި 12 މެގަވޮޓާ ދެމެދުގެ ކަރަންޓު އުފެއްދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ތިލަފުށީގެ މަސައްކަތްތަކަށާއި، ގްރޭޓަރ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން މި ކަރަންޓް ބޭނުންކުރެވޭނެއެވެ.
އައްޑޫ ސިޓީގައި ޤާއިމުކުރާ ޕްލާންޓުން 1.5 މެގަވޮޓް ކަރަންޓު އުފެއްދޭއިރު، މިޕްލާންޓުން އުފައްދާ ކަރަންޓްގެ 1 މެގަވޮޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާ ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯ ވޮޓު ބޭނުން ކުރާނީ މި ފެސިލިޓީ ހިންގަންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ. ހަމައެހެންމެ ހަކަތައިގެ ސިނާޢަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ މައި ދެ ކުންފުނިކަމަށްވާ ސްޓެލްކޯއާއި ފެނަކައިން އަންނަނީ ގޭގެގައި ސޯލާ ޕެނަލް ހަރުކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ.
މީގެ އިތުރުން ސަރުކާރުން ދަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، ބިޔަ މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ރާއްޖޭގެ 6 ސަރަހައްދެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ އެންމެބޮޑު މަޝްރޫޢަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މަރޗުމަހުގެ 29ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާއާއި މެލޭޝިޔާއަށް ނިސްބަތްވާ ޖޭވީ ކުންފުންޏަކާއެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި 3 މެގަވޮޓް، ފުވައްމުލައް ސިޓީގައި 2 މެގަވޮޓް، ކުޅުދުއްފުށި ސިޓީގައި 1.5 މެގަވޮޓް، ގދ.ތިނަދޫގައި 2 މެގަވޮޓް، ބ.އޭދަފުށީގައި 1.5 މެގަވޮޓް އަދި ޅ. ހިންނަވަރުގައި 1 މެގަވޮޓް ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފުރަތަމަ ކުއާޓަރގައި ފެށި އަހަރުގެ ފަހުކޮޅުގައި ޙިދުމަތްދޭން ފެށޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މި މަޝްރޫޢުގެ ސަބަބުން ތެލަށް ކުރާ ޙަރަދާއި އަދި ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.