ޚަބަރު

ބަންގްލަދޭޝްއިން ހަދިޔާކުރާ ގަސްތައް މުޑުވައްކުރަން މިއާންޒް ކޮލެޖަށް


  • ބަންގްލަދޭޝްއިން ވަނީ ރާއްޖެއަށް 20،000 ގަސް ހަދިޔާ ކުރަން ނިންމާފައި

  • ރާއްޖެއަށް ގަހުގެ އޮށްތަށް ގެނައުމުން މުޑުވަށް ކުރާނީ މިއާންޒް ކޮލެޖުން

ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ގަސްތައް މުޑުވައްކުރުމަށް މިއާންޒް ކޮލެޖާއި ދިވެހިރާއްޖޭގައި ހުންނަ ބަންގަލްދޭޝްގެ ހައިކޮމިޝަނާއި ދެމެދު އެއްބައްސްވުމެއްގައި ސޮއިކޮށްފިއެވެ.

ބަންގްލަދޭޝްއިން ހަދިޔާކުރާ ގަސްތަކަކީ ސަރުކާރުގެ ފަސް މިލިޔަން ގަސް ޕްރޮގްރާމަށް ހަދިޔާ ކުރާ ގަސްތަކެކެވެ.

ބަންގްލަދޭޝް ސަރުކާރުން ހަދިޔާ ކުރާ ގަސްތައް މުޑުވައްކުރުމާއި ގުޅޭ އެއްބަސްވުމުގައި ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ ހައިކޮމިޝަންގެ ހެޑް އޮފް ޗާންސަރީ ސައިދު އަމްޖަދް އަލީ އެވެ. އަދި މިއާންޒް ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮލޮޖުގެ ރެކްޓަރ ޑރ. ފާތިމަތު ޝަހީމާއެވެ. ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއާންޒް ކޮލެޖުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ގަސްތަކުގެ އޮށް ގެނައުމުން އެކޮލެޖުން ގަސްތައް މުޑުވަށް ކޮށްދޭނެ ކަމަށެވެ. އެކޮލެޖުގެ ސްކޫލް އޮފް އެގްރިކަލްޗަރގެ ނާސަރީއެއް އައްޑޫގައި މިހާރުވެސް ހިންގާ ކަމަށާއި އެއްބަސްވުމުގެ ދަށުން އޮއްތަށް މުޑުވައްކޮށް އެކަށީގެންވާ ވަރަށް ބޮޑުކުރުމަށްފަހު ބަންގަލްދޭޝްގެ ހައިކޮމިޝަނާއި އަނބުރާ ހަވާލުކުރާނެ ކަމަށް މިއާންޒް ކޮލެޖުން ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ގަސްތައް ހަވާލުކުރަނީ ބަންގްލަދޭޝް ހައިކޮމިޝަނުން ކަމަށް މިއާންޒް ކޮލެޖުން ފާހަގަކުރެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް ވިދާޅުވީ، މިމަސައްކަތަކީ ބަންގްލަދޭޝް-މޯލްޑިވްސް ގްރީން އިނީޝިއޭޓިވްގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން އެކި ބާވައްތަކުން ފުރަތަމަ 20،000 އޮށް ހަދިޔާ ކުރެވޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ ހަމައެކަނީ ގަސް އިންދުމެއް ނޫން. އަޅުގަނޑުމެން ބޭނުން ރާއްޖޭގެ މާހައުލާއި ގުޅޭ ރާއްޖޭގައި ހެއްދޭނެ ބާވައްތަކުގެ ގަސްތަކީ ކޮބާކަމަށް ދެނެގަތުމަށްވެސް. އަދި މިއީ ތިމާވެށި ހިމާޔަތް ކުރުމާއި ދެމެހެއްޓެނި ތަރައްޤީއަށް ކުރެވޭނެ މަސައްކަތެއް. " ބަންގްލަދޭޝްގެ ސަފީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިއާންޒް ކޮލެޖުގެ ސީއީއޯ އަދި ޗެއަރމަން އަހުމަދު މުއްތަކީ ވިދާޅުވީ، މިމަސައްކަތަކީ ހަމައެކަނި ބަންގްލަދޭޝްއަކީ ދަނޑުވެރިކަމާއި ގަސް ހެއްދުމުގައި ވަރަށް ބޮޑަށް ތަޖުރިބާ ލިބިފައިވާ ޤައުމެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތުގައި ތަޖުރިބާ ހިއްސާކޮށް އިތުރު ދިރާސާތަކަށް މިދައިރާގައި މަގުފަހިވާނެ ކަމަށެވެ.

މިއާންޒް ކޮލެޖުން ވިދާޅުވީ މިވަގުތު ރާއްޖެއަށް ބަންގަލްދޭޝްއިން ގަސް ގެންނަ ނަމަ، ވައިގެ މަގުންވިޔަސް އަދި ކަނޑުމަގުންވިޔަސް ގަސްތައް ރާއްޖެއާއި ހަމައަށް ގެނެވޭއިރު ގަސްތަށް ވަރަށް ބޮޑަށް ހަލާކުވެ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރެވޭ ކަމަށެވެ. އެހެން ކަމުން އެއްބަސްވުމުގެ ދަށުން މިކުރެވޭ މަސައްކަތުން މިކަމަށް ހައްލެއް ލިބޭނެ ކަމަށް އެކޮލެޖުން ވިދާޅުވިއެވެ.