ޚަބަރު

އައްޑޫ ޕޮލިސް ކޮލެޖުގައި އިންޓަޕޯލްގެ ކޯހެއް ފަށައިފި


  • މިއީ ޕޮލިސް ކޮލެޖުގައި ކުރިއަށް ގެންދާ ފުރަތަމަ ބައިނަލްއަޤްވާމީ ކޯސް

  • މި ކޯހުގައި 13 ގައުމަކުން ޖުމްލަ 23 އޮފިސަރުން ބައިވެރިވޭ

އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓުގެ ކެމްޕަހުގައި އިންޓަޕޯލްގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެ ކޮލެޖުގައި ހިންގާ ފުރަތަމަ ބައިނަލްއަޤްވާމީ ކޯސް ކަމަށް ފުލުހުން ވިދާޅުވެއެވެ.

އައްޑޫ ޕޮލިސް ކޮލެޖުގައި ފަށާފައި ވަނީ އިންޓަރޕޯލްގެ ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ ޑިރެކްޓަރޭޓްގެ ފްލެގްޝިޕް ޕްރޮގްރާމް "އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް " އެވެ. މި ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އަޙްމަދު ޢަބްދުއްރަޙްމާން ވަނީ، މިއީ އެންސީޕީއެލްއީގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށްގެންދެވޭ ބައިނަލްއަގުވާމީ ފުރަތަމަ ތަމްރީނު ޕްރޮގްރާމްކަން ފާހަގަކުރައްވައި، މިއީ އެ ކޮލެޖަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށާއި މި ހާސިލުކުރެވުނީ ވަރަށް ތާރީހީ ލަނޑުދަނޑިއެއް ކަމަށް ވިދާޅުވެފައެވެ.

އިންޓަރޕޯލްގެ އެކި ޒޯންތައް ތަމްސީލުވާ ގޮތަށް 13 ގައުމަކުން ޖުމްލަ 23 އޮފިސަރުން މި ޕްރޮގްރާމުގައި ބައިވެރިވެއެވެ. މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް އުނގަންނައިދިނުމުގެ އަސާސީ އަދި ފަންނީ މެތޮޑޮލޮޖީތައް އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ހާއްސަ ތަމްރީނެކެވެ. މި ކޯހުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑެތި މީހުންނަށް ކިޔަވައިދިނުމުގެ އުސޫލުތަކާއި، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިނިންގ އަދި ޒަމާނީ ފުލުހުންގެ ތަމްރީނުތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ހަރުދަނާ އުކުޅުތަކަށް ބައިވެރިން އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމުގެ ތެރެއިން، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިން މޮޑެލްތައް ބޭނުންކޮށްގެން އަމިއްލަ ލެސަން ޕްލޭންތައް ތައްޔާރުކުރުމާއި، ޕަބްލިކް ސްޕީކިންގ އަދި ޕްރެޒެންޓޭޝަން ހުނަރުތައް ތަރައްގީކުރުމާއި، ބައިވެރިން ޝައުގުވެރިކުރުވުމުގެ އުކުޅުތަކުގެ އިތުރުން ފެންވަރު ވަޒަންކުރުމުގެ ހުނަރުތައް ބައިވެރިން އުނގެނޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ތަމްރީނަކީ އިންޓަރޕޯލްގެ މެންބަރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އޮފިސަރުން އެއްތަންވެ، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ފަހިވެގެންދިޔަ މުހިންމު ފުރުސަތެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.