ޚަބަރު

މަރުގެ ހުކުމްތަކުގައި ޢަމަލުކުރާނީ ފާއިތުވެދިޔަ ބައި ގަރުނުގައިވެސް ޢަމަލުކުރިގޮތަށް: އިމްރާން


މަރުގެ ހުކުމް ތަކުގައި މިސަރުކާރުންވެސް ޢަމަލުކުރާނީ ފާއިތުވެދިޔަ ބައި ގަރުނުގައިވެސް މިކަމުގައި ޢަމަލުކުރަމުން އައި ގޮތަށް ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް، ހޯމް މިނިސްޓަރ އިމްރާނާއި ސުވާލު ކުރައްވާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގުއެވެ. ޠާރިގު ސުވާލު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރައާތުތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފު ކުރެއްވުމަށެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މިސަރުކާރުން ޢަމަލު ކުރާނީ ފާއިތުވެދިޔަ ބައި ގަރުނުގެ ތެރޭގައިވެސް ނިމިދިޔަ ސަރުކާރުތަކުން ޢަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުމަށް ކަމަށެވެ. ނިމިދިޔަ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެކި މަރުހަލާ ތަކުގައި އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް އެކަމަށް ޢަމަލު ކޮށްފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވޭތުވެދިޔަ ބައި ގަރުނުގައި ދިވެހި ދައުލަތުން ގެންގުޅެމުންދާ ސިޔާސަތަކީ އެކަމާއި ގުޅޭ ގޮތުން މިހާރުވެސް ޢަމަލު ކުރެވެމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން. މިއީ މިސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއްނޫން. މިއީ ޒަމާނުއްސުރެ މިރާއްޖޭގައި ޢަމަލު ކުރަމުން އައި ގޮތް. ވޭތުވެދިޔަ ތަނުގައި އެކި ސަރުކާރުތަކުން ސިޔާސީ ބޭނުމުގައި އެކި ފަހަރު އެކި ގޮތަށް އެކި ތަންތަނުގައި މަރުގެ ހުކުމާއި ގުޅިގެން ވާހަކަ ދައްކާފައި ވީނަމަވެސް މިމައްސަލާގައި އަމަލު ކުރާ ސިޔާސަތަށް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައި އެއްވެސް ބަދަލެއް ގެނެސްފައިނުވޭ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާއިރު އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ނިހާއީ ހުކުމަކުން މަރަށް މަރު ހިފަންޖެހޭނެކަމަށް ބައެއް މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުކުމްކޮށްފައިވެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކި ފޯރަމްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނަމުންދިޔަ ނަމަވެސް ވެރިކަމުގެ ފަސްއަހަރު ނިމިގެންދިޔައިރުވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.