ޚަބަރު

ދަތި ދުވަސްތަކުން އަރައިގަނެވުނީ، ހަރުދަނާ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން: ހަމްދާން


ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ލޮޅުމެއް އައި، ކޯވިޑްގެ ދަތި ދުވަސްތަކުން އަރައިގަނެވުނީ ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އަޙްމަދު ހަމްދާން ވިދާޅުވެއްޖެއެވެ. ހަމްދާން މިހެން ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގައި ސަރުކާރުން އަމަލު ކުރަމުންދާގޮތް ހާމަ ކުރައްވަމުންނެވެ.

ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ލޮޅުންތަކުން އަރައި ގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހަމްދާން ވިދާޅުވީ ފަހުގެ ތާރީޚުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ގޮންޖެހުމަކީ 2019 އަހަރު މުޅި ދުނިޔެ ކުރިމަތިލި ކޯވިޑް-19 ކަމުގައެވެ. މިހާލަތުގައި އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނު އެއް ޤައުމަކީ ރާއްޖެއެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ ރިސޯޓުތައް ހުއްޓި، ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުން އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކާއި ރާއްޖެއިން ވަނީ ކުރިމަތި ލާފައެވެ.

ހަމްދާން ވިދާޅުވީ މިއަދު ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމަށްވުރެ މާބޮޑު ދަތިކަމަކުން އަރައި ގަތުމަށްވެސް ސަރުކާރުން ގެންގުޅުއްވި ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކަކީ ދުނިޔޭގެ ތައުރީފް ލިބިގެންދިޔަ ސިޔާސަތު ތަކެއްކަމަށެވެ. މިހާލަތުގައިވެސް ސަރުކާރުން ޢަމަލު ކުރަމުންދަނީ ހަރުދަނާ ފިސްކަލް/އިޤްތިޞާދީ ސިޔާސަތުތަކާއެކު ރާއްޖޭގެ މިސްރާބު ކުރިއަށް ގެންދިއުމަށް ކަމަށެވެ. ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމަކަށް ރާއްޖެއިން ދަނީ ދުރާލައި ފިޔަވަޅު އަޅައި ތައްޔާރުވަމުން ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

"މިއަށްވުރެ މާ ދަތި އުނދަގޫ ދުވަސްތަކެއް އަޅުގަނޑުމެން ކަޑައްތު ކޮށްފިން. ހަރުދަނާ ފިސްކަލް/އިޤްތިޞާދީ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުވެއްޖެ. ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ހުރި ރިސްކްތައް ކުޑަކުރުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުން." ހަމްދާން ވިދާޅުވިއެވެ.

ރާއްޖޭގެ އިޢްތިޞާދަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން އަރައި ގަތުމަށްޓަކައި ސަރުކާރުން ތަންފީޒު ކުރަމުންދާ ހަރުދަނާ ސިޔާސަތުތައް އެގޮތުގައި ކުރިއަށްދާކަމަށްވެސް ހަމްދާން ވިދާޅުވިއެވެ. މިހާރު ކުރީގެ ހާލަތާއި އަޅާބަލާއިރު ދައުލަތުގެ ރިޒާވް ކުރިން ހުރި މިންވަރަށްވުރެ އެތައްތަނެއް މިހާރު ރަނގަޅުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިފިޔަވަޅު ތަކާއެކު ރާއްޖޭގައި ކުރު މުއްދަތެއްގެ ތެރޭގައި ދައްކަން ހުރި ދަރަނިތައް ދެއްކުމަށް އެއްވެސް ގޮންޖެހުމެއް ނެތްކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިސާދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުންކަމަށެވެ. އަދި މި އަހަރު ނިމޭއިރު ކޯވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ސައިޒަށް ރުޖޫޢަވެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ފިސްކަލް ހާލަތަށް ބަލައި ކޯވިޑް-19ގެ ސިއްޙީ އަދި އިޤްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.