ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އެންމެ ފުރަތަމަ "ރައިޓް ޓު ރިޕެއާ" ޤާނޫނު އެމެރިކާގައި ތައާރަފްކުރަނީ


ދުނިޔޭގެ އެންމެ ފުރަތަމަ "ރައިޓް ޓު ރިޕެއާ" ޤާނޫނު އެމެރިކާގެ ނިއުޔޯކު ސިޓީގައި ތައާރަފްކުރަން ނިންމައިފިއެވެ.

މި ޤާނޫނުގެ ސަބަބުން ޑިޖިޓަލް އިލެކްޓްރޯނިކް އާލާތްތަކުގެ ޕާޓްސް، ޓޫލްސް، މައުލޫމާތު އަދި ސޮފްޓްވެއާ ވެސް ކަސްޓަމަރަށާއި އަމިއްލަ ރިޕެއާ ފިހާރަތަކަށް ލިބޭގޮތަށް ޑިޖިޓަލް އިލެކްޓްރޯނިކް އާލާތްތައް އުފައްދާ ފަރާތްތަކުން ފޯރުކޮށްދޭންޖެހޭނެއެވެ.

އަމިއްލަ ރިޕެއާ ފިހާރަތަކަށް މިކަން ވެގެންދަނީ ވަރަށް ބޮޑު ފަސޭހައަކަށެވެ. މީގެ ސަބަބުން އާލާތްތައް އުފައްދާ ފަރާތްތަކާއި އެއް ހަމައެއްގައި މި ފިހާރަތަކަށްވެސް ވިޔަފާރިކުރެވޭނެއެވެ.

ދާދިފަހުން ހެދި ދިރާސާއެއްގައި ބުނާގޮތުން "ރައިޓް ޓު ރިޕެއާ" ޤާނޫނު ނައިނަމަ އަމިއްލަ ރިޕެއާ ފިހާރަތައް ހިންގާ މީހުންގެ %59 މީހުންގެ ފިހާރަ ބަންދު ކުރަން ޖެހޭނެއެވެ.

މި ޤާނޫނުގެ ސަބަބުން އަމިއްލަ އެމީހެއްގެ އަމިއްލަ ތަކެތި އަމިއްލައަށް ރިޕެއާ ކުރަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނެ ކަމަށް އަމިއްލައަށް ރިޕެއާ މަސައްކަތްކުރާ އައިފިކްސްއިޓް އިން ބުނެއެވެ.

އިލެކްޓްރޯނިކް ވެހިކަލް އުފައްދާ ފަރާތްތަކުން މީގެކުރިން ވަނީ އެމީހުންގެ އޯދްރައިޒްޑް ފިހާރަތަކުން ރިޕެއާ ސާމާނު ގަންނަން ފާޑަކަށް މަޖުބޫރުކޮށްފައެވެ.

"ރައިޓް ޓު ރިޕެއާ" އެކްޓުގެ ދަށުން މޮޓޯ ވެހިކަލްތަކެއް ނުހިމެނެއެވެ. އެއީ މޮޓޯ ވެހިކަލަކީ އުފައްދަނީ "ނޭޝަނަލް ރައިޓް ޓު ރިޕެއާ" އެއްބަސްވުމެއްގެ ދަށުންކަމަށްވާތީއެވެ.