ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބައިތިއްބާނެ ޑިޓެންޝަން ސެންޓަރެއް


ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ހަދާ ޑިޓެންޝަން ސެންޓަރު ކުރިއަށް އޮތް ދޮޅު މަސް ތެރޭގައި ނިމެނޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޟު ވިދާޅުވީ، މިމައްސަލައަކީ ހަމައެއް ލަމައެއް ނެތި އެތައް އަހަރެއް ވަންދެން ހިތަކަށް ދޫކޮށްލާފައި އޮތް މައްސަލައެއްކަމަށެވެ.

މިމައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭކަމަށް ރަޖިސްޓްރީވި 43،000 މީހުންގެ ތެރެއިން މިހާރު ނުފޮނުވި ތިބީ 20،000 ބިދޭސީންކަމަށެވެ. މިމީހުންނަކީ ޤާނޫނީ އެއްވެސް ލިޔުމެއްނެތި އުޅެމުންދާ މީހުންނަށް ވުމުން މިމީހުންގެ މައްސަލަ ހައްލު ކުރެވެން އޮތީ ވަކި ތަނެއްގައި ބައިތިއްބައި، ޕާސްޕޯޓްފަދަ ލިޔެކިޔުން ފުރިހަމަ ކޮށްގެންކަމަށް ފައްޔާޟު ވިދާޅުވިއެވެ.

މިމައްސަލަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ހުޅުމާލޭގައި ހުރި ބިދޭސީން ބައިތިއްބާ މަރުކަޒު ނުވަތަ "ޑިޓެންޝަން" ސެންޓަރު މަރާމާތުކޮށް، އެތައް ބޭނުން ކުރެވޭނެ ހާލަތަސް ގެނައުމުގެ މަސައްކަތް ކަމަށެވެ. މިމަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކުންފުނިން ކަނޑައަޅާފައިވާ މުއްދަތަކީ ކުރިއަށް އޮތް ދޮޅު މަސް ތެރޭގައި މިމަސައްކަތް ނިންމުންކަމަށް ފައްޔާޟު ވިދާޅުވިއެވެ. މިފެސިލިޓީއަކީ އެއްފަހަރާ 250 ޖާގައިގެ މީހުންނަށް ތިބެވޭ ގޮތަށް ހަދާ ސެންޓަރެކެވެ.

"މައްސަލަ ހައްލު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ. އަހަރުތަކެއް ވަންދެން ގިނަވެ އިތުރުވަމުންދިޔަ މީހުން މިހާރު ނިންމާފައި ނިންމުމާއިއެކު އިތުރެއް ނުވާނެ ދެން. ދެން އޮތީ މިކަންކުރުުގައި ކުރަންޖެހޭ ކަންކަން ކުރުން. ހަގީގަތުގައި މިއީ އެއްވެސް ހަމައެއް ލަމައެއްނެތި ދޫވެފައި އޮތް މައްސަލައެއް." ފައްޔާޟު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ބިދޭސީންގެ މައްސަލާގައި ކަމާއި ގުޅުންހުރި އެންމެހާ އިދާރާތަކުން ވަނީ މިކަން ހައްލު ކުރުމަށް ހުރި ދަތިތަކުގެ ތަފްސީލް ހަމަކޮށްދެއްވާފައެވެ. މިމައްސަލާގައި ހޯމް މިނިސްޓްރީއާއި، ފުލުހުންނާއި، އިމިގްރޭޝަނުންވެސް އެންމެ ބޮޑަށް ފާހަގަ ކުރި ކަމަކީ ގަވާއިދާއަށް ޚިލާފަށް އުޅޭ ބިދޭސީންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތުމުން ފޮނުވާލުމަށް އޮތް ގޮންޖެހުންތަކުގެ ވާހަކަތެކެވެ.

މިކަމުގައި ޓިޝެންސަން ސެންޓަރު ނިމި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ލިޔެކިޔުންތައް ހަމަ ކުރުމުގައި ބަންގްލަދޭޝްގެ އެމްބަސީން ފުރިހަމަ އެއްބާރފުލުން ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.