މާލެގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރަން، މިމަސް ނިމުގެ ކުރިން
އިޢުލާން ކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިން އިއުލާން ކުރެވި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ހޯއްދަވައިދެއްވުމަށް ހިންގާ މަޝްރޫގެ ޢަމަލީ މަސައްކަތް މިމަހު ފެށިގެން ދާނެކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 5000 ގޯތި ދޫކުރާނެކަމަށް މިސަރުކާރުން ވަނީ އިޢުލާން ކުރައްވާފައެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ފުރަތަމަ 3000 ގޯތި ދޫކުރަން އިއުލާން ކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ އެ މަޝްރޫޢުގެ އެންމެފަހުގެ މަސައްކަތްތައް ނިމި މިހާރު އޮތީ އިއުލާން ކުރާ ހިސާބުގައިކަމަށެވެ.
މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންޑިންގެ މައުލޫމާތާއި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް މަޖިލީހަށް ހާޒިރު ކުރުމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވަނީ ގިރާވަރުން ފަޅު ހިއްކުމަށްޓަކައި މިހާރު ޕްލޭންތައް ކުރަމުންދާ ކަމަށެވެ. އަދި އެ މަޝްރޫޢަށް ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައެވެ. އަދި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވައި އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށްވެސް ދިމާވެފައިވާ އިޖުތިމާޢީ އެންމެބޮޑު މައްސަލައަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއްނެތި ދަތި ޙާލުގައި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެންޖެހުމެވެ. މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރެއިން 2159 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި، އަދި 2023ވަނަ އަހަރު 2429 ޔުނިޓު ނިމޭނެކަމަށާއި 2024ގެ ނިޔަލަށް 3361 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.