ޚަބަރު

އެމްޑީޕީއަށް ވެރިކަން ބޭނުންނަމަ އަޅުގަނޑު މިހިރީ ޗޮއިސްއެއް - ރައީސް


އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އަން ދައުރުގައި ވާދަކުރައްވާނަންތޯ ކުރެވޭ ސުވާލުތަކަށް މި ސާފުކޮށް އެމަނިކުފާނު ޖަވާބުދެއްވި މީ ފުރަތަމަ ފަހަރެވެ.

2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެންމެ މުހިއްމު އެމްޑީޕީއަށް ވެރިކަން ލިބުންކަމަށާއި އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. މިހާރު ކުރިޔަށްދާ މަޝްރޫއުތައް ކުރިޔަށްގެންދަން ދެވަނަ ދައުރެއް ލިބެންޖެހޭކަންވެސް ރައީސް ފާހަގަކުރެވިއެވެ. އެހެންނަމަވެސް އެކަނި އެއްވެސް ޕާޓީއަކަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އެކަން ކުރަންޖެހޭނީ ގިނަ ޕާޓީތަކެއް އެެކުވެގެންކަމަށް ރައީސް ވިދާޅުވީއެވެ.

" އަޅުގަނޑަށް ޔަޤިންކަން އެބައޮތް ކޯލިޝަނަކާއި އެކީ އެމްޑީޕީ އިސްވެ އޮވެ ބަޔަކާއި އެކީ ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމަށް. އެމްޑީޕީ އެކަންޏެއް ނުވާނެ. ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެނޑިޑޭޓެއް. އަޅުގަނޑު މިހިރަ ޔަޤީންކަމަކީ އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އޮތް ވާހަކަ. އެމްޑީޕީއަށް ވެރިކަން ބޭނުންނަމަ އަޅުގަނޑު މިހިރީ ޗޮއިސްއެއް. " ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޙާބަށް ނުކުންނަވާނެކަން ރައީސް އިުލާންކުރެއްވިއިރު އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.

އެމްޑީޕީގެ ޕްރައިމެރީގެ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޑިމޮކްރެޓިކް އެންމެ ރަނގަޅު ގޮތަކީ ޕްރައިމެރީ ބޭއްވުންކަމަށެވެ. އެގޮތުން ޕާޓީން ނިންމާގޮތަކަށް އެމަނިކުފާނު ހުންނަވާނެކަމަށްވެސް ވިދާޅުވިއެވެ.

"އެމްޑީޕީގެ އެތެރޭގެ ކަންކަން ކުރިޔަށް ގެންދަންވާނީ ޕާތީގެ އުސޫލްތަކާއި ގަވައިދުތަކާއި އެއްގޮތަށް. ޕްރައިމެރީ ބާއްވަން ގަވައިދުގައި އޮތިއްޔާ އެކަން ކުރާނީ އެގޮތަށް." ރައީސް ވިދާޅުވިއެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ލެއްވުމުގައި ރައީސް ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވިއިރު، އެމްޑީޕީގެ ކޮންގްރެސް، އޮގަސްޓް މަހުގެ 19ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.