ދުނިޔޭގެ ވިޔަފާރި

5 ބިލިއަން އެމެރިކާ ޑޮލަރު މިއަހަރު ބޭނުންވާކަމަށް ލަންކާއިން ބުނެފި


ލަންކާއަށް މިހާރު ދިމާވެފައިވާ އިޤްޠިޞާދީ ކާރިޘާއާ ގުޅިގެން އަސާސީ ބޭނުންތައް ފުއްދުމަށް މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް އެކަނިވެސް 5 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ސްރީލަންކާއިން ބުނެފިއެވެ.

ލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާ ވިދާޅުވިގޮތުގައި މި ފައިސާ ބޭނުންވަނީ ބައެއް އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމުގައިވާ ކާނާއާއި ޕެޓްރޯލް،ޑީސަލް އަދި ގަސްކާނާ ފަދަ ތަކެތި ގަތުމަށެވެ. މިހާރުގެ ބޮޑުވަޒީރުގެ އިތުރުން މާލީ ވަޒީރުކަންވެސް ކުރައްވާ ރަނިލް ވަނީ މި ފައިސާ ބޭނުންވާކަން ލަންކާ ޤާނޫނު ހަދާ މަޖިލީހަށްވެސް ދަންނަވާފައެވެ.

ރަނިލް އިތުރަށް ވިދާޅުވިގޮތުގައި ގާތްގަޑަކަށް 22 މިލިއަން މީހުން ދިރިއުޅޭ ލަންކާއަށް ޕެޓްރޯލާއި ޑީސަލް އަދި އެނޫންސްވެސް ހަކަތަ އެތެރެކުރުމަށް 3.3 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ. ކާބޯތަކެތި ގަތުމަށް 900 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާއިރު ގަސްކާނާއަށް 600 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ. މީގެއިތުރުން 250 މިލިއަން އެމެރިކާ ޑޮލަރު ގޭހަށް ބޭނުންވެއެވެ.

އިންޑިއާގެ އެކްޒިމް ބޭންކުން ގަސްކާނާ ގަތުމަށް ދިން 55 މިލިއަމް އެމެރިކާ ޑޮލަރުގެ ލޯނުއެހީ ލަންކާއިން ވަނީ ޤަބޫލުކޮށްފައެވެ. ކާބޯތަކެއްޗަށާއި ދަނޑުވެރިކަމަށް އަދި ސިއްޚީ ޚިދުމަތް ދިނުމަށް 48 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަމަށް އެމެރިކާއިންވެސް ވަނީ ވައުދުވެފައެވެ.

މިއެހީތަކުގެ އިތުރުން ސައުތު އޭޝިއަން ނޭޝަން އިން ދަނީ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގެ މަޝްވަރާތައް ޗައިނާއާއި އަލުން ކުރޭވޭތޯ މަސައްކަތްކުރަމުން ކަމަށްވެސް ރަނިލް ވިދާޅުވިއެވެ. އިޤްޠިޞާދީ މި ކާރިޘާއާ ގުޅިގެން ލަންކާއިން ވަނީ ފުރަތަމަ ފަހަރަށް ޤައުމުތަކުން ލޯނު ދެއްކުންވެސް ހުއްޓާލާފައެވެ.

ލޯނު އެހީ ލިބޭތޯ ލަންކާއިން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި މަޝްވަރާ ކޮށްފައެވެ.
މި ދަތިކަމުން އަރައިގަތުމަށްޓަކައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ޓެކްސްތައް ނަގާ މިންވަރު ލަންކާ ސަރުކާރުން މިހާރު ވަނީ އިތުރުކޮށްފައެވެ. ސަރުކާރުން މީގެކުރިން އާންމުކޮށްފައިވާ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ލަންކާގެ އިންފްލޭޝަން ރޭޓު މިހާރު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެ، %39.1އަށް އަރާފައެވެ.

ލަންކާއަށް މިނިވަންކަން ލިބުނުފަހުން ކުރިމަތިވި އެންމެ ބޮޑު އިޤްޠިޞާދީ ކާރިޘާއާ ލަންކާއިން މިހާރު ދަނީ ކުރިމަތިލަމުންނެވެ. އެޤައުމުގެ އިޤްޠިޞާދީ ދުވެލި މިހާބޮޑަށް މަޑުވީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހަކަތައިގެ އަގު އުފުލި ބައެއް ޓެކްސްތައްވެސް އުނިކުރުމުންނެވެ.