ޕެޓްރޯލާއި ކާބޯތަކެއްޗާއި އެނޫންވެސް ބައެއް ތަކެތީގެ އަގުބޮޑުވެ މެއި މަހު، އެމެރިކާގެ އިންފްލޭޝަން, ރެކޯޑު މިންވަރަކަށް މަތިވެއްޖެއެވެ.
އެމެރިކާގެ ލޭބާ ޑިޕާޓްމެންޓުން ހާމަކުރިގޮތުގައި މިދިޔަ މަހުގެ ކޮންސިއުމާ ޕްރައިސް ވަނީ %8.6އަށް މަތިވެފައެވެ. އޭޕްރީލް އިން މެއި މަހަށް ބަލާއިރު ތަކެތީގެ އަގު ވަނީ %1އަށް އުފުލިފައެވެ. މާޗް މަހުން އޭޕްރީލް މަހަށް ބަލާއިރު މިއަދަދު އުފުލިފައިވަނީ %0.3 އަށެވެ.
އިންފްލޭޝަން އިތުރުވުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. ކާބޯތަކެއްޗަށާއި، ޕެޓްރޯލް އަދި ކުއްޔަށްވެސް ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހިފައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މަދުން އާމްދަނީ ލިބޭ މީހުންނަށެވެ.
މިއަހަރު ތެރޭގައި އެމެރިކާގެ އިންފްލޭޝަން ހަމަޔަކަށް އެޅޭނެކަމަށް އިޤްޠީޞާދީ މާހިރުން ލަފާކުރެއެވެ. އަހަރު ނިމޭއިރު ކޮންސިއުމާ ޕްރައިސް %7 އަށްވުރެ ދަށްވާނެ ކަމަށްވެސް މާހިރުން ލަފާކުރެއެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މީހުން ގޭގައި ތިބެންޖެހުމުން ތަކެތީގެ ޑިމާންޑުބޮޑުވެ ބައެއް ތަކެތީގެ އަގު އުފުލި އެމެރިކާގައި މީގެކުރިންވެސް އިންފްލޭޝަން ރޭޓު މަތިވެފައެވެ.