ޚަބަރު

ރާއްޖެފަދަ ބިންތިރި ޤައުމުތަކަށް ކްލައިމެޓް ސެކިއުރިޓީ މުހިންމު: މިނިސްޓަރ މާރިޔާ


ރާއްޖެ ފަދަ ބިންތިރި، ޖަޒީރާ ޤައުމަކަށް ކްލައިމެޓް ސެކިއުރިޓީއަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިޔާ ސެކިއުރިޓީ ސަމިޓް "އައި.އައި.އެސް.އެސް ޝަންގްރީލާ ޑަޔަލޮގް"ގެ "ސްޕެޝަލް ސެޝަން އޮން ކްލައިމެޓް ސެކިއުރިޓީ އެންޑް ގްރީން ޑިފެންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ކްލައިމެޓް ސެކިއުރިޓީ ނުވަތަ މޫސުމީ ރައްކާތެރިކަމާއި ޤައުމީ ސަލާމަތާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، %99.7 ކަނޑުގެ މައްޗަށް އެކުލެވިގެންވާ، ކަނޑުގެ ލޮނުގަނޑުން މައްޗަށް 3 ފޫޓުވެސް ހަމަނުވާ ރަށްތައް ގިނަ، އަދި މޫދާ 100 މީޓަރު ދުރު ނޫން ހިސާބުތަކުގައި ޤައުމުގެ ޢުމްރާނިއްޔަތުގެ %70 އާއި އާބާދީ ބޮޑު ސަރަޙައްދުތަކުގެ %50 އަށް ވުރެ ގިނަ ސަރަޙައްދު އޮންނަ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް، "ކްލައިމެޓް ސެކިއުރިޓީ"އަކީ ވަރަށް މުހިންމު މައުޟޫއެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގަޔާއި ޑިމޮކްރަސީގެ މަގުގައި ރާއްޖެ ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތަކާ އެކުގައިވެސް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ބައިނަލްއަޤްވާމީ ޖަމާޢަތް ހޭލުންތެރިކުރައްވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ޚާއްޞަ އަޙައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ "މޯލްޑިވްސް ޑިފެންސް ވައިޓް ޕޭޕަރ" ގައި، މިހާރަށްވުރެ ތިމާވެށްޓާ ރައްޓެހި، "ފެހި" އުޞޫލުތަކާއި އިޖުރާޢަތުތަކެއް ހިމެނުމަށް، ދިވެހިރާއްޖޭގެ އަސްކަރިއްޔާއާއި ދިފާޢީ ދާއިރާއަށް ނިސްބަތްވާ ހުރިހާ އިދާރާޔަކަށް، އިރުޝާދުދޭ މާއްދާއެއް ހިމަނާފައިވާނެކަމަށް މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އަސްކަރިއްޔާގެ ބޭނުމަށް ދީފައިވާ ބިންތަކާއި އެސްޓޭޓުތަކުގައި ހުރި މެރިން ޕްރޮޓެކްޓެޑް ޒޯންތަކާއި އިކޮލޮޖިކަލް ރިޒަރވްތައް މެނޭޖުކުރުމާ ބެހޭގޮތުން، ކަމާބެހޭ ފަރާތްތަކާއި ޤައުމީ ދިފާޢީ ބާރާ ދެމެދު މަޝްވަރާތައް ފެށިގެން ކުރިއަށްދާކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.