ޚަބަރު

މެއި 6ގެ ޙަމަލާ: މައްސަލަ ބައްލަވާ ގާޟީ ތަނާޒުލް


ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޙަމަލާއާގުޅޭ މައްސަލަ ބަލާ، ކްރިމިނަލްކޯޓުގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ، ޤާޟީ އާދަމް މުޙައްމަދު އެމައްސަލައިން ތަނާޒުލްވެވަޑައިގެންފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ތަހުމީން އަހްމަދާއި މުޖާޒް އަޙްމަދާއި ޢަލީ ހައިޝަމާއި މުހައްމަދު ނާޒިމާއި އިސްހާގު ފަހުމީ އަލީގެ އިތުރުން މުހައްމަދު ތަސްލީމާއި، އަބްދުﷲ އަލީ މަނިކުގެ މައްޗަށެވެ.

މީގެއިތުރުން މި މައްސަލާގައި އަޙްމަދު އަދުހަމުގެ މައްޗަށް ދައުލަތުންކުރި ދައުވާ ސާބިތުވެ އޭނާ 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ވަނީ މީގެކުރިން ޙުކުމްކޮށްފައެވެ.

މިމައްސަލަ ބަލާ ބެންޗުގެ އިސް ޤާޟީ ތަނާޒުލްވެ ވަޑައިގެންނެވީ މިމައްސަލާގައި ދަޢުވާ ލިބޭ މ.ކުދެހިގެ، އިސްހާގުގެ ފަރާތުން ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. މިއަދުގެ ޝަރީއަތުގައި އޮތީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތަކުން ވެސް މިއަދު އިބްތިދާއީ ބަޔާން އިއްވުމަށް ހަމަޖެހިފައެވެ. ނަމަވެސް ޝަރީއަތް ފެށުމުގެކުރިން ޤާޟީ އާދަމް މުޙައްމަދު ވަނީ މިމައްސަލައިން ނަތާޒުލްވެ ވަޑައިގެންނެވިކަން ހާމަކުރައްވާފައެވެ. ސަބަބެއްކަމަށް ޤާޟީ ވިދާޅުވީ މަރާލައިފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ބެއްލެވީ އޭނާ ކަމަށްވެފައި އެ މައްސަލައާ ގުޅިގެން ޤާޟީ އަށާއި އޭނާގެ ޢާއިލާއަށް ބިރުދައްކައި އިންޒާރު ދިން މައްސަލާގައި އިސްޙާޤުގެ ދަރިއަކު ހިމެނޭތީކަމަށެވެ.

މ.ކުދެހިގެ، އިސްހާގުގެ ފަރާތުން ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މައްސަލައިގައި ގާޟީއަށް ބިރުދައްކައި އިންޒާރު ދިންކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭކަމުގެ ތުހުމަތުގައި އިސްހާގުގެ ދަރިޔަކު ހިމެނޭ ކަމަށެވެ. މިމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ. ޔާމީން ރަޝީދުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މ.ކުދެހިގޭ، ހަސަން ޝިފާޒަކީ އިސްހާގުގެ ދަރިފުޅުގެ ބޮޑުބޭބެ ކަމަށް ގާޟީ ފާހަގަކުރެއްވިއެވެ.

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޝިފާޒުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މިމައްސަލަ އިސްތިއުނާފްކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި އިސްކޮށް އުޅުނު މުހައްމަދު ތަސްލީމާއި، އަބްދުﷲ އަލި މަނިކުގެ ޝަރީއަތް އަންނަ ސެޕްޓެމްބަރަށް ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ. އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްސަލަތައް އުޅެނީ ކޯޓު މަރުހަލާގެ ކުރީކޮޅުގައެވެ.