ޚަބަރު

އުނޫޝާއާއި ޝާންގެ ލަވައަށް މިލިއަނަކަށްވުރެ ގިނަ ވިއުސް


އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންއާއި ރާއްޖޭގެ މަޝްޙޫރު ލަވަކިޔުންތެރިޔާ އުނޫޝާ އެކުގައި ކިޔާފައިވާ "ދިލް އުޅެޔާ" މި ލަވައަށް ޔޫޓިއުބްގައި މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިއްޖެއެވެ. މި ލަވަ ޔޫޓިއުބުގައި ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ބީޗް ވައިބެއް ގެނެސްދޭ "ދިލް އުޅެޔާ" މި ލަވައަކީ ރެގޭ ޕޮޕް މިއުޒިކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. ލަވައިގެ މެލޮޑީގައި ދިވެހި ބޮޑުބެރުގެ ބައެއް އަޑުތައްވެސް ހިމަނާފައިވެއެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ ގަނޭޝް ސުރްވޭ އަދި ރާއްޖޭގެ މަޝްޙޫރު މިއުޒިކް ޕްރޮޑިއުސަރ ބާރޗީއެވެ. ހިންދީ، ޕަންޖާބު އަދި ދިވެހި ބަސް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ލަވަ ކޮމްޕޯސްކޮށްފައިވަނީވެސް ޝާން އަމިއްލައަށެވެ.

މިއީ އެއްގޮތަށްވުރެ ގިނަގޮތްގޮތުން ދިވެހިންގެ ހިތްތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ލަވައެކެވެ. އެގޮތުން މި ލަވައިގައި ދިވެހި ބަހުން ޝާންއާއި އުނޫޝާގެ ރެޕް ބައެއް ހިމަނާފައިވެއެވެ. މި ރެޕް ބައި ލިޔެފައިވަނީ މަޝްޙޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)އެވެ. މި ލަވައިގެ ރިކޯޑިންގ ޝާން ސްޓޫޑިއޯގައި ހެދިނަމަވެސް އުނޫޝާގެ ވޯކަލްސް ރިކޯޑްކޮށްފައިވަނީ ވަކިން މާލޭގައެވެ.


މުޅި ލަވަ އެއްކޮށް ޝޫޓްކޮށްފައިވަނީވެސް ރާއްޖޭގައެވެ. ލަވައިގެ ވީޑިއޯއިން ރާއްޖޭގެ ހިތްގައިމުކަމާއި، ގުދުރަތީ މުއްސަނދިކަން ކިތަންމެ ފުރިހަމައެއްކޮށްވެސް ފެނިގެންދެއެވެ. މިލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކްރޮސް ރޯޑްގެ ހާޑް ރޮކް ހޮޓަލްގައެވެ. ލަވައިގެ ވީޑިއޯއިން ޝާން ފިޔަވާ ދެން މުޅިންހެން ފެނިގެންދަނީ ދިވެހިންނެވެ. އެގޮތުން ލަވައިގައި ހަރަކާތްތެރިވާ ބެކްގްރައުންޑް ޑާންސަރުންނާއި ބޭންޑް މެންބަރުންގެ ގޮތުގައި ފެނިގެންދަނީ ހުސް ދިވެހި ފަންނާނުންނެވެ.

މި ލަވަ ޝާންގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި ރިލީޒްކުރުމާއެކު ގިނަ ބަޔަކު އަންނަނީ މި ލަވަ ސޯޝަލް މީޑިއާގައި ޝެއަރކުރަމުންނެވެ. އަދި މިއީ އަޑުއަހާލަން ހިިތްގައިމު، ލޯތްބާއި އުފާވެރި އިޙްސާސްތަކެއް ގެނުވާ ލަވައެއްގެގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. އުނޫޝާއާއި ޝާންގެ މި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފުކުރަމުންނެވެ. އަދި ރާއްޖޭގެ ފަންނާނަކަށް މިފަދަ ފުރުޞަތެއް ލިބުނީތީ މިއީ މުޅި ރާއްޖެއަށް ލިބިގެންދާ

އުނޫޝާ ވަނީ ބޮލީވުޑްގެ ފިލްމަކަށް މީގެ ކުރިންވެސް ލަވައެއް ކިޔާފައެވެ. ޕޫޖާ ބަޓް ޑައިރެކްޓްކުރި ޖިސްމް 2 އަށް އުނޫޝާ ވަނީ "ހޭވައްލާ"ގެ ނަމުގައި ލަވައެއް ކިޔައިދީފައެވެ. 2012 ވަނަ އަހަރު ރިލީޒްކުރި މި ލަވައަކީ މިފަހަރުގެ ލަވައާއި ޚިލާފަށް އިނގިރޭސި ބަހުން ކިޔާފައިވާ ލަވައެކެވެ.