ޚަބަރު

މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ޕްރޮގްރާމަށް ހޭލުންތެރިކުރުވަނީ


ރަސްމީ ތަޢުލީމެއް ނެތި ވަޒީފާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މީހުންގެ ހުނަރު ރަސްމީ ސިފައެއްގައި ބަލައިގަނެވޭނެ ނިޒާމަށް އަހުލުވެރިކުރުމުގެ ގޮތުން ސިލްސިލާ ސެމިނަރތައް ފަށައިފިއެވެ.

މިއީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ކުރިއަށްގެންދާ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން އަދި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާގުޅޭ ސިލްސިލާ ސެމިނަރތަކުގެ ތެރެއިން ފުރަތަމަ ސެމިނަރއެވެ.

މި ސެމިނާރގެ މަޤްސަދަކީ އެން.ޓީ.ޓީ.ސީ އަދި ނެޕް ހިންގާގޮތުގެ މައުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާ ކުރުމާއި، އަދި މި ޕްރޮގްރާމްތަކަށް އިތުރަށް މީހުން ހޭލުންތެރި ކުރުވުމެވެ.

މި ސެމިނަރ ޝަރަފްވެރިކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަންއެވެ. މިނިސްޓަރުގެ ވާހަކަ ފުޅުގައި ނޭޝަނަލް ޓްރޭޑް ޓެސްޓިންގްގެ މަޤްސަދަކީ ރަސްމީ ތަމްރީނަކާނުލާ ފަންނީ ހުނަރު ލިބިފައިވާ ހުނަރުވެރިންނަށް ޤައުމީ ފެންވަރުގެ ސަނަދެއް ދިނުން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމް.އެން.އެސް.ޑީ.އޭ އިން ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ރަސްމީ ތަމްރީނެއް ހަދާ ހުނަރެއް ލިބިގަނެ ޤައުމީ ފެންވަރުގައި ސަނަދެއް ލިބޭނެ ޕްރޮގްރާމެއްކަމަށް ވިދާޅުވިއެވެ. އަދި ހަމައެއާއެކު، ރާއްޖޭގައި ޓިވެޓް ނިޒާމް ހަރުދަނާ ކުރުމުގެ މުހިންމުކަމަށް އަލި އަޅުވައިލައްވާ ވޮކޭޝަނަލް ދާއިރާ ކުރިއެރުވުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދާ ކަމެއްކަން ވެސް ވިދާޅުވިއެވެ.

މި ސެމިނަރގައި މިނިސްޓަރގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓްރީވެފައިވާ އެސެސަރުންނާއި ޓްރެއިނިންގް ޕްރޮވައިޑަރުންގެ އިތުރުން ޓެކްނިކަލް ޕެނަލް މެމްބަރުން، ސެކްޓަރ ކައުންސިލް ތަކުގެ މެމްބަރުންނާއި ޓިވެޓް ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ދޭ ސެޓްފިކެޓަކީ އެމްއެންކިއުއޭ ޤަބޫލުކުރާ ސެޓްފިކެޓެއް ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމަކީ ވަކި އުމުރެއް އަދި ޖިންސަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށާއި ވަޒީފާއެއްގައި މެދުނުކެނޑި 5 އަހަރުދުވަސްވަންދެން މަސައްކަތްކޮށްފައިވާ މީހުންނަށް އިމްތިހާންގައި ބައިވެރިވެވޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.