ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ތާރީޚާއި ނިމޭ ތާރީޚު ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ މިހެން ވިދާޅުވީ، ދިރާސީ އަހަރުގެ ކިޔެވުން ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާތޯ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، ދިރާސީ އަހަރުގެ ކިޔެވުން ފެށުން މިހާރު މިއޮތްގޮތަށް އަހަރުގެ މެދުތެރެއަށް ބަދަލުކުރީ އެކަމުގެ ދިރާސާއެއް ކުރުމަށްފަހުކަމަށެވެ. އަދި އެ ނިންމުން ނިންމީ ކޯވިޑް-19ގެ ޙާލަތަށް ބަލާ، އެންމެ ރަނގަޅުގޮތަކީ އެއީކަމަށް ފެންނާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކުރިން އޮތްގޮތަށް މީލާދީ އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅުއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ދިރާސީ އަހަރު ކޮންމެ އަހަރަކު އެއްފަހަރު ބަދަލުކުރުމަކީ ދަރިވަރުންނަށް ވަރަށް ގެއްލުންވާނެކަމެއް. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކު ނެތް މިހާރު މިއޮތްގޮތް ނޫން އެހެންގޮތަކަށް ބަދަލުކުރުމެއް. އެއީ މިކަމުގެ ފައިދާތަކެއްވެސް ހުރީމަ" މިނިސްޓަރ ވިދާޅުވިއެވެ.
ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރީ އޮފީހުގެ އައު އިމާރާތުގެ މަސައްކަތްގޮސްފައިވާ ހިސާބާގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިިހާރު ބަޔަކާ ޙަވާލުކޮށްފައިވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށްޓަކާ ޕްރޮޖެކްޓު ސައިޓް ކޮންޓްރެކްޓަރާ ޙަވާލުކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި މަސައްކަތުގެ ޢަމަލީ ފެށުމުގެގޮތުން މިހާރު ސްކޫލުން ބޭނުންކުރަމުންދާ ބައު އޮފީސް އިމާރާތް ތަޅާލުމަށްޓަކާ މި އޮފީހުގެ ސެޓްއަޕް ސްކޫލުގެ އެހެން ތަނަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ. 7 ދުވަހުގެ ތެރޭގައި އެއީ 18 ޖޫން ގެ ނިޔަލަށް އޮފީސް ސެޓްއަޕް ބަދަލުކުރުމުގެ މަސައްކަތް ނިމި، ކޮންޓްރެކްޓަރަށް އައު އިމާރާތް އެޅުމަށްޓަކާ ބިން ޙަވާލުކުރެވި، އަމަލީ މަސައްކަތް ފެށިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒު 2 ބުރި އިމާރާތުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތްވެސް އެޑިއުކޭޝަނުން ޙަވާލުކޮށްފައިވަނީ އެއް އަހަރު ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2 ބުރި އިމާރާތުގެ މަސައްކަތަށް 8.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.