ޚަބަރު

މެއި 6ގެ ޙަމަލާ: ބެންޗު އެކުލަވާލައި، އަޑުއެހުންތައް އަވަސްކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި


އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށްޓަކައި މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ވީހާވެސް އަވަހަށް ހަމަޖެއްސުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޙަމަލާއާގުޅޭ މައްސަލަ ބަލާ، ކްރިމިނަލްކޯޓުގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ، ޤާޟީ އާދަމް މުޙައްމަދު ވަނީ އެމައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. ޤާޞީ ތަނާޒުލްވެވަޑައިގަތުން ކަންބޮޑުވުމާއިއެކު ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމައްސަލައިން ޤާޟީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ.ކުދެހިގޭ އިސްޙާޤުގެ ދަރިއެއް، ޤާޟީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަމުގައެވެ.

އެމްޑީޕީން ބުނެފައިވަނީ ޤާޟީގެ ފަރާތްޕުޅުން، އެ އެޅުއްވި ފަޔަވަޅަކީ، އިންސާފުން ޝަރީޢަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމުގައެވެ. ނޫންނަމަ، މި ދަނޑިވަޅުގައި، ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިޞްޙާޤުގެ ދަރި ނުވަތަ އެހެން ފަރާތަކުން ވެސް، އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

އެމްޑީޕީން ވަނީ ވީހާވެސް އަވަހަކަށް މި މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި މި ބިރުދެއްކުމުގެ މައްސަލައަށް 6 މަހެއްވުރެ ގިނަ ދުވަސް ވެފައިވާއިރު، ތަންފީޒީ އިދާރާތަކުން މިކަން ސަމާލުކަމާއެކީ ބައްލަވައި، ދަޢުވާކުރަން ފޮނުވުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން މިމައްސަލާގައި ޝާމިލުވާ މީހާގެ ފައިގައި، ޓެގު އަޅުވައިގެން މޮނިޓަރ ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.