ޚަބަރު

ދަރަނި ރީސްޓްރަކްޗަރ ކުރަން ޖެހޭ ޙާލަތެއް ނެތް - އަމީރު


ރާއްޖެ އޮތީ ދަރަނި ރީސްޓްރަކްޗަރ ކުރަންޖެހޭ ޙާލަތެއްގައި ނޫން ކަމަށް، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމެޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ދަރަނި މެނޭޖްކޮށްފައިވަނީ މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންދެވޭނެ ގޮތަކަށް ކަމަށެވެ. މިނިސްޓަރ ވަނީ ދަރަނި ރީސްޓްރަކްޗަރ ކުރެވިދާނެ ގޮތްތައްވެސް ވިދާޅުވެފައެވެ.

" އެއްގޮތަކީ މިހާރު ހުރި ލޯނުތަކުގެ މެޗުއަރިޓީ ޕީރިޑު ދިގުކުރުން. ނޫނީ އިންޓަރެސްޓު ރޭޓު ދަށްކުރުން، ދެ ގޮތެއް އޮވޭ މިކަންތައް ކުރުމުގެ. އެއީ މާރކެޓު ފްރެންޑްލީކޮށް ކުރުން. ދެން އޮތީ މަރކެޓު ބަލައި ނުގަންނަ ގޮތަކަށް އެކަން ކުރުން، މިހާތަނަށް މި މަސައްކަތްކޮށްފައިވާނީ، މާރކެޓު ފްރެންޑްލީ ގޮތަކަށް.،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާކެޓުން ބަލައިނުގަންނަގޮތަކަށް ދަރަނި މެނޭޖްކުރުމުން، ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ރޭޓު ދަށްކޮށްލާނެ ކަމަށެވެ. މާލީ ވުޒާރާތަކުން ދަރަންޏަށް ފައިސާ ނެގުމުގައި ދަތިތައް ކުރިމަތިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެމީހުންނަށް އެކަހަލަ ފީލެއް ވިޔަސް، ޓެކްނިކަލީ ޑީ ފޯލްޓުވާ ހާލަތަކަށް ދާނެ.، ރޭޓިންގ އޭޖެންސީސްތަކުން އެއްކޮށް ދަށްކޮށްލާނެ.، ސެލެކްޓިވް ޑީ ފޯލްޓަކަށް ދާނެ، ބޭރުޤައުމުތަކުން ދަރަންޏަށް ފައިސާ ނެގުމާއި ޕްރައިވެޓު ސެކްޓަރއަށްވެސް ގެއްލުންވާނެ، ބޭންކިންގ ނިޒާމަށްވެސް ގެއްލުންވާނެ.،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދެވޭ މިންވަރަށް ދަރަނި މެނޭޖްކުރުންކަމަށެވެ.

މި ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިސާދަށް މިހާރު ލިބިފައިވާ ކުރިއެރުންތަކަކީ، ކޯވިޑުގެ ދުވަސްވަރު ދަރަންޏަށް ފައިސާ ނަގައިގެން އިޤްތިސާދީ ހަރަކާތްތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދިޔުމުން ލިބުނު ކުރިއެރުންތައްކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން މަތިވަމުން ދިޔުމާއި، ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔުމާއި އެކު، ދަރަނި ނަގާ މިންވަރުވެސް ދަށްވެ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަނީ ދަށްވަމުން ކަމަށެވެ.

އަދި ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ޙާލަތުން އަރައިގަނެ، ކުރީގެ ޙާލަތަށް މިއަހަރުގެ ފަހުކޮޅު ރުޖޫޢަ ވެވޭނެކަމަށްވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.