ދުނިޔޭގެ ވިޔަފާރި

ޗައިނާގައި ހުންނަ އިކިއާ ފިހާރައެއް އަނެއްކާވެސް ބަންދުކުރަން ނިންމައިފި


ޗައިނާގައި ހުންނަ، ފަރުނީޗަރު ކުންފުނި އިކިއާގެ ފިހާރައެއް ބަންދުކުރަން އަނެއްކާވެސް ނިންމައިފިއެވެ. ޗައިނާގައި ހުންނަ އިކިއާގެ އެހެން ފިހާރައެއްވެސް މިއަހަރު ވަނީ ބަންދުކޮށްފައެވެ.

އަންނަ ޖުލައި މަހު ކުރީކޮޅު ބަންދުކުރަން ނިންމާފައިވާ މި ފިހާރަ ހުންނަނީ ޗައިނާގެ ޔަންގްޕޫ ސިޓީގައެވެ. އިކިއާއިން ބުނާގޮތުގައި މި ފިހާރަ ބަންދުކުރަން ނިންމީ ކޯވިޑުގެ ބަލިމަޑުކަމާއިހެދި އާންމުން ވިޔަފާރިކުރާ ގޮތަށް އައި ބަދަލާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އިކިއާއިން ނެރުނު ބަޔާނެއްގައި ބުނީ އޮންލައިން ވިޔަފާރިއަށް އޮތް ޑިމާންޑާއި އެއްވަރަށް ޚިދުމަތް ދިނުމަށާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްދޭނެ ފަސޭހަ ގޮތެއް ހޯދައިދިނުމުގެ ގޮތުން އިކިއާއިން ޗައިނާގައި ކަސްޓަމާ ޓަޗްޕޮއިންޓްސް ތަޢާރަފް ކުރަން ނިންމާފައިވާކަމަށެވެ. ނަމަވެސް ޔަންގްޕޫ ފިހަރާއިގެ ދިގުމުއްދަތުގެ ފީޒިބިލިޓީ އެނާލިސިސް ހަދާފައިވާ ކަމަށާއި އަދި މިހާރު ނިންމާފައިވަނީ އެފިހާރަ އަލުން ނުހުޅުވާންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިކިއާގެ ފިހާރައެއް ޗައިނާގައި އެންމެ ފުރަތަމަ ހުޅުވީ 1998 ވަނަ އަހަރު ޗައިނާގެ ޝަންހާއީގައެވެ. ހަމައެކަނި ޝަންހާއީގައިވެސް އިކިއާގެ 5 ފިހާރަ މިހާރު ހުރެއެވެ. މުޅި ޖުމްލަ 37 އިކިއާ ފިހާރަ ޗައިނާގައި މިހާރު ވަނީ ހުޅުވާފައެވެ.

ޗައިނާގެ ގިޔެންގް ސިޓީގައި ހުންނަ އިކިއާގެ ފިހާރަ މިދިޔަ އޭޕްރީލް މަހުވަނީ ބަންދުކޮށްފައެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނާއި ޗައިނާގެ ވެރިރަށް ބެއިޖިން އިން ގެންގުޅޭ ހަރުކަށި ޒީރޯ ކޯވިޑް ޕޮލިސީއާއި ހެދި ހުޅަނގުގެ ގިނަ ކުންފުނިތަކަކުން ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްޠިޞާދެއް އޮންނަ ޗައިނާއިން އެމީހުންގެ ވިޔަފާރިތައް އަނބުރާ ގެންގޮސްފައެވެ.

އިކިއާއަކީ މިގޮތުން އެންމެ ފަހުން ޗައިނާގައި އޮތް ވިޔަފާރިއަށް ބަދަލު ގެނައި ކުންފުންޏެވެ. މިދިޔަ ހަފްތާ ނައިކީ އިންވެސްވަނީ އެމީހުންގެ ރަން ކްލަބް އެޕް ޗައިނާގައި ޑީއެކްޓިވޭޓްކޮށްފައެވެ. އަދި މިދިޔަ މަހު އެމެޒޯންއިންވެސް ވަނީ ޗައިނާގައި ހުންނަ އެމީހުންގެ ކިންޑަލް ފޮތް ފިހާރައެއް ބަންދުކުރާނެކަން އިޢުލާނުކޮށްފައެވެ. އެއާބީއެންބީ އިންވެސް ވަނީ އެމީހުން ޗައިނާ ވިޔަފާރި ބަންދުކުރަން ނިންމާފައެވެ.