އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލަށް ދާ މީހުން ހޮސްޕިޓަލުގައި އުޅޭ ވަގުތުތަކުގައި މާސްކް އަޅައިގެން އުޅުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރައްވައިފިއެވެ.
އެ ހޮސްޕިޓަލުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސް ކުރެއްވުމުންނެވެ. މިހާލަތަށް ރިޢާޔަތްކޮށް އައި.ޖީ.އެމް.އެޗް ގައި އަމަލުކުރެވެމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން މި ހޮސްޕިޓަލަށް ދާ ބަލިމީހުން، އެހީތެރިން އަދި އެހެނިހެން ފަރާތްތައް މާސްކް އަޅައިގެން އުޅުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރައްވައެވެ. އަދި ހަލުވިކަމާއިއެކު ފެތުރެމުންދާ މި ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކޯވިޑް 19 ގެ ހާލަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން މީގެ ކުރިންވެސް އެ ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.
ވޭތުވެދިޔަ މަސްތަކުގައި ކޯވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ގިނަވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ވިދާޅުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ހަފްތާގައި ކޯވިޑުގެ 142 ކޭސް ވަނީ ފެނިފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު %69 އިތުރު ވުމެކެވެ. އަދި ސާމްޕަލް ޕޮޒިޓިވްވާ މިންވަރާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އެގޮތުން ފާއިތުވި މޭމަހު ކޯވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ މުޅިއެކު 15 މީހުން ކަމަށާއި، ނަމަވެސް މިޖޫންމަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެޑްމިޓްކޮށްގެން 11 މީހަކަށް ފަރުވާދޭން ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.