ޚަބަރު

ޕްރީސްކޫލް ކުދިންނަށް ވެލެންސިއާ އެކަޑަމީން ޚާއްސަ ޕްރޮގްރާމެއް


  • 4 އަހަރާއި 6 އަހަރާ ދެމެދުގެ ދެޖިންސުގެ ކުދިންނަށްވެސް ބައިވެރިވެވޭނެ

ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ދުވަސްވީ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ކްލަބް ވެލެންސިއާގެ ފުޓުބޯޅަ އެކަޑަމީން ތުއްތު ކުދިންނަށް ޚާއްސަ ކުލާސްތަކެއް ފަށައިފިއެވެ.

ހުޅުމާލޭ ސްޕޯޓްސް ޕާކުގެ ފުޓްސަލް ކޯޓުގައި ކުރިއަށް ގެންދާ މި ކުލާސްތަކުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދުގެ ކުދިންނަށެވެ.

ކުލާސްތައް އޮންނާނީ ހަވީރު 05:00 އިން 06:00 އަށެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެމުން ކުލަބު ވެލެންސިއާ އިން ބުނީ، މި ކުލާސްތަކަކީ މޮޅެތި ފުޓުބޯޅަ ކުޅުންތެރިން އުފައްދަން އެ ކުލަބުގެ އެކަޑަމީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވީހާވެސް ހަގު އުމުރެއްގައި ކުދިން ތަމްރީނުކުރުމުގެ މަގުސަދުގައި ފެށި މަސައްކަތެއް ކަމަށެވެ.

އަދި އެކުލަބުން މަސައްކަތް ކުރަނީ ކުދިންގެ ހިތުގައި ފުޓުބޯޅައަށް ލޯބި ޖައްސައި ރާއްޖޭގެ ފުޓުބޯޅަ ފުޅާކުރަންކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވެލެންސިއާއިން ހުޅުވާލާފައިވާއިރު މިހާރުވެސް މި ޕްރޮގްރާމްގެ ކުލާސްތައް އަންނަނީ ހިންގަމުންނެވެ.

އެކުލަބުން މައުލޫމާތުދޭ ގޮތުގައި މިހާރުވެސް އެ ޕްރޮގްރާމްގެ ދަށުން ދެޖިންސުގެ ކުދިން ހިމެނޭހެން ޖުމްލަ 16 ކުދިން އަންނަނީ ތަމްރީނުވަމުންނެވެ.

ކުލަބު ވެލެންސިއާ އެކަޑަމީ ފާހަގަކުރެވެނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން މިފަދަ ކާމިޔާބު އެތައް ޕްރޮގްރާމެއް ހިންގާ ކުލަބެއްގެ ގޮތުގައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ވެސް ސްކޫލު ބަންދާއި ދިމާކޮށް ކުލަބު ވެލެންސިއާ އެކެޑަމީގެ ފަރާތުން ޚާއްސަ ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ކޭމްޕުގައި ވެސް 60 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ.