ދުނިޔޭގެ ވިޔަފާރި

އިންޑިއާގެ އިޤްޠިޞާދު ރަގަޅުވާކަމުގެ ފެހި ސިގްނަލް ލިބިއްޖެ


މުޅި ދުނިޔޭގެ އިޤްޠިޞާދީ ދުވެލި ދަށްވާނެކަމަށް ލަފާކޮށްފައިއޮތް ނަމަވެސް އަވަށްޓެރި އިންޑިއާގެ މެކްރޯއިކޮނޮމިކް ހާލަތު ރަގަޅުވެއްޖެ ކަމުގައި އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އިން ބުނެފިއެވެ.

އާރްބީއައި އިން ހާމަކުރިގޮތުގައި 2021އިން 2022އަށް އިންޑިއާގެ ޖީޑީޕީ ވަނީ %8.7އަށް އިތުރުވެފައެވެ. އަދި މިއީ ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ޖީޑީޕީ ހުރި އިންސައްތައަށްވުރެ %1.5 އިތުރު ޢަދަދަކެކެވެ. މީގެ ސަބަބުން 2022އިން 2013އަށް އިންޑިއާގެ އިޤްޠިޞާދީ ދުވެލި ހަލުއިވެ ވަރުގަދަވާނެކަމަށް އާރްބީއައިން ބުނެއެވެ.

މެއި މަހުގެ އިންޑިއާގެ އިންފްލޭޝަން ރޭޓުވެސް ވަނީ އޭގެ ކުރީމަހަށްވުރެ ދަށްވެފައެވެ. އިންފްލޭޝަން ރޭޓް މެއި މަހު ދަށްވެފައިމިވަނީ މި ރޭޓު ޖެހިޖެހިގެން 7 މަސްވަންދެން މަތިވުމަށްފަހުއެވެ.

ކާބޯތަކެއްޗާއި ގޭހުގެ އަގު އުފުލި އިންފްލޭޝަން ރޭޓުވެސް މައްޗަށް ޖެހިފައިވާކަމަށް އާރްބީއައިން ބުނެއެވެ. އިންޑިއާގެ ކޮންސިއުމާ ޕްރައިސްގެ %60 ހިއްސާވަނީ ކަބޯތަކެއްޗާއި ގޭހެވެ. އާރްބީއައިން މިކަމަށް ފިޔަވަޅެއް ނާޅައިފިނަމަ އިންފްލޭޝަން ކޮންޓްރޯލްނުވެ ހިނގައިދާނެއެވެ. ޖީޑީޕީ އިތުރުވުމާއި ގުޅިގެން އެތެރޭގެ އިޤްޠިޞާދީ މަސައްކަތްތައް ހަލުއިވެފައިވާކަމަށާއި މެއި މަހުގެ އިންފްލޭޝަން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެކަމަށް އާރްބީއައިއިން ބުނެއެވެ.

އިންޑިއާގެ އިޤްޠިޞާދީ ދުވެލި ހަލުއިވާނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް އާރްބިއައި އިން ބުނި ނަމަވެސް އަންނަ އަހަރު އިންޑިއާގެ އިޤްޠިޞާދީ ދުވެލި %7.5އަށް ދަށްވާނެކަމަށް ވޯލްޑްބޭންކުން ވަނީ ލަފާކޮށްފައެވެ.