ށ.ފުނަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި އެ މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ށ.ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ފުނަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް 15 ކްލާސްރޫމުގެ އެޅުމުގެ މަސައްކަތް ކުރިއަށްއެބަދާކަމަށާއި، އަމާޒަކީ މިއަހަރުގެ ޑިސެމްބަރުމަހަށް އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށެވެ. އަދި ސްކޫލަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިދެއްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައިި ދެއްކެވި ވާހަކަފުޅުގައި ފުނަދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނަށް ވަނީ އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ. އެގޮތުން ފުނަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާ އެ މަސައްކަތް ކުރިއަށްގެންދަވާނެކަން ރައީސް ހާމަކުރެއްވިއެވެ. އަދި ރަށްގިރުމުގެ މައްސަލައަށްވެސް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިރަށުގެ ރައްޔިތުން އެދިފައިއޮތްގޮތަށް ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އިރާދަކުރެއްވިއްޔާ މިރަށް ހިމަނާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް އަޅުގަނޑުމެން ކުރާނަން. އަދި އޭގެ އިތުރުން މިހާރުން މިހާރަށް އަޅުގަނޑުމެން ގޮތްތަކެއް ހޯދަންޖެހިފައި އޮތްކަމަކީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުން. އެއީ އަވަސް ހައްލެއް ހޯދަންޖެހިފައިއޮތް ކަމެއްކަމަށް އަޅުގަނޑުމެން ޤަބޫލުކޮށް، ލަސްތަކެއްނުވެ ވީހާވެސް އަވަހަކަށް އެކަމަށް ހައްލެ ހޯދައިދިނުމުގެ މަސައްކަތް އަޅުގަނޑުމެންގެ ސަރުކާރުން ފަށައިދޭނެކަންވެސް މި ފުރުޞަތުގައި ދަންނަވަން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރަށުގައިި ތިބެގެން ކައިރިން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން ފުނަދޫގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން ހޮސްޕިޓަލަށް ބޭނުންވާ އައު ޢިމާރާތް ބިނާކުރުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ކުރިއަށްދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.