ރިސޯޓް ލީގު 2022 ގެ ދާލު ޒޯނުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލުގެ ޖާގަ މުބާރާތް ހޯސްޓުކުރާ ކަނޑިންމަ މޯލްޑިވްސް ހޯދިއިރު ސެމީފައިނަލުގައި ނިޔާމަ ޕްރައިވެޓް އައިލޭންޑް އަދި ސަން ސިޔާމް ވިލުރީފް ބައްދަލުކުރަން ޖެހިއްޖެއެވެ.
ހަތަރު ޓީމު ވާދަކުރާ ދާލު ޒޯނުގެ ފައިނަލަށް ކަނޑިންމަ ދަތުރުކުރީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. ތިންވަނަ މެޗުގައި ހުކުރުދުވަހުގެ ހަވީރު ކަނޑިންމަ ވަނީ 4-2 އިން ވެލާވަރު ބަލިކޮށްފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ކަނޑިންމަ ވަނީ ވާދަވެރި ނިޔާމަ 3-2 އިން ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ސަން ސިޔާމް ވިލު ރީފް އަތުން ކަނޑިންމަ މޮޅުވީ 6-3 ގެ ނަތީޖާއަކުންނެވެ.
ކަނޑިންމަ އަތުން ވި ބައްޔާއެކު ވެލާވަރު ވަނީ މުބާރާތުން ކަޓާފައެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އަދި އެއް މެޗު އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ސެމީފައިނަލުގައި ބައްދަލުކުރަން ޖެހޭ ދެ ޓީމަކީ ނިޔާމަ އަދި ވިލުރީފް އެވެ. މި ދެ ޓީމު ވަނީ ގްރޫޕުގެ ފަހު މެޗުގައި ވެސް ބައްދަލުކޮށްފައެވެ. އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
މުބާރާތުގެ ސެމީފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހުގައެވެ. ގްރޫޕުގައި ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭއިރު ދެވަނަ އަދި ތިންވަނައަށް ހޮވޭ ޓީމުގެ މެދުގައި ކުޅޭނީ ސެމީފައިނަލެވެ. އެ މެޗު ކާމިޔާބުކުރާ ޓީމަކަށް ފައިނަލުގެ އަނެއް ޖާގަ ކަށަވަރުވާނެ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ.
ދާލު ޒޯނުގައި ހިމެނެނީ ދާލު އަތޮޅަށް ނިސްބަތްވާ ރިސޯޓުތަކެވެ. މި ޒޯނުގައި ޖުމްލަ ހަތަރު ޓީމެއް ހިމެނެއެވެ. އެއީ މުބާރާތް ބާއްވާ ކަނޑިންމަ އާއި ނިޔާމަ ގެ އިތުރުން ސަން ޝިޔާމް ވިލު ރީފް އަދި އަންސާނާ ވެލާވަރު އެވެ.