އީރާނުގެ ޙަމަލާތަކުން އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީ ދިފާޢުކޮށްދިނުމަށް ޔަހޫދީން އެ ޤައުމ ހަތިޔާރާއި ސިފައިން ފޮނުވާފައިވާ ކަން އެމެރިކާއިން ކަށަވަރުކޮށްދީފިއެވެ.
އެެމެރިކާއިން ޔަހޫދީ ދައުލަތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މައިކް ހަކަބީ ވަނީ ޔޫއޭއީއަށް ޔަހޫދީ ވައިގެ ދިފާޢީ ނިޒާމު، އަޔަން ޑޯމްގެ ބެޓެރިއާއި ސިފަައިން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ. މި ފަދަ ބެޓެރީތަކުގައި އާންމުކޮށް ރާޑަރާއި މިސައިލް ލޯންޗަރު ހިމެނެއެވެ.
އޭގެ އެއް ދުވަސް ކުރިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު، މައިކް ވޮލްޓްޒް ވެސް ވަނީ އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ދީފައިވާ މިސައިލް ޙަމަލާތައް ހުއްޓުވައި އެ ޤައުމު ދިފާޢު ކުރުމަށް ޔަހޫދީންގެ އަޔަން ޑޯމް ނިޒާމު ބޭނުންކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާ ދީ ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ވަރުގަދަ ޙަމަލާތައް ދީފައެވެ. އެ ގޮތުން ގަލްފުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޙަމަލާތައް އަމާޒުވެފައި ވަނީ ޔޫއޭއީއަށެވެ. އޭޕްރިލް މަހުގެ 8ވަނަ ދުވަހު ޔަހޫދީންނާއި އީރާނާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވުމާ ހަމައަށް ޔޫއޭއީއިން ވަނީ އީރާނުގެ 537 ބެލިސްޓިކް މިސައިލްއާއި، 2،256 ޑްރޯން ޙަމަލާއާއި 26 ކްރޫޒް މިސައިލް ޙަމަލާ ހުއްޓުވައިފައެވެ. ޔޫއޭއީއަށް ދީފައިވާ ޙަމަލާތަކުގައި އެ ޤައުމުގައި 13 މީހުން މަރުވެ، 224 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔޫއޭއީއަށް ޙަމަލާތަކެއް އަމާޒުވެފައިވެއެވެ. އެއާއެކު އެއްބަސްވުން ދެމެހެއްޓޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ޔަހޫދީން މީގެ ކުރިން ވެސް ޔޫއޭއީއަށް ވައިގެ ދިފާޢީ ނިޒާމުތައް ފޯރުކޮށްދީފައިވެއެވެ.