2023ވަނަ އަހަރު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވުމެއް އެކުލަވާލައި އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިތާ އަހަރެއް ފާއިތުވި ނަމަވެސް އަދި ވެސް ޣައްޒާގައި ފުރިހަމައަށް ޚިދުމަތް ދެވޭ ހަސްފަތާލެއް ނެތް ކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާއަކުން ބުނެފިއެވެ.
ފިޒީޝަންސް ފޮރ ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ވަނީ ހަމަލާ ބަދަލުކުރުން ނަމެއްގައި މެދުކަނޑައިލިތާ އަހަރެެއްގެ ތެރޭގައި ޣައްޒާގެ ޞިއްޙީ ނިޒާމުގެ ޙާލަތު އޮތް ގޮތް ވަޒަންކޮށް ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގަައި ބުނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ކަމަށް ބުނި ނަމަވެސް ޣައްޒާގެ ޞިއްޙީ ނިޒާމަށް ހަޤީޤީ ސިފައެެއްގައި ކުރިއެރުމެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި މަދު ޢަދަދެއްގެ ހަސްފަތާލުތަކުން ކޮންމެވެސް ވަރަކަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ޖަމްޢިއްޔާއިން އިތުރަށް ބުނީ އައިސީޔޫގައި ފަރުވާ ދޭން ބޭނުން ކުރަމުންދާ އެނދުގެ ޢަދަދަށް ވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި ފަރުވާ ދިނުމަށް ބޭނުންވާ ބޭހުގެ އިތުރުން އަސާސީ ބޭހުގެ ސްޓޮކް ލިބުމަށް ކުރިއަށްވުރެ ވެސް މިހާރު ދަތިވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޣައްޒާގެ އެތައް ހާސް ބަލިމީހުން އެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ބޭސް ނުލިބި އެބަ ތިބި ކަމަށް ވެސް ބުނެފައިވެއެވެ.
2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ޑަޔަލިސިސްގެ ޚިދުމަތް ޣައްޒާގެ ޞިިއްޙީ މަރުކަޒުތަކުގެ 17 އިންސައްތައިން ދެމުންދިޔަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިހާރު އެ ނިސްބަތް ވަނީ 12 އިންސައްތައަށް ވެއްޓިފައެވެ. ޣައްޒާގައި އެމްއާރުއައިގެ ޚިދުމަތް އެއްވެސް މިންވަރަކަށް ނުުލިބޭ ކަމަށް ވެސް ބުނެފައިވެއެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލިތާ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ވެސް ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް 143 ހަމަލާ ދީފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ޞިއްޙީ ފަރުވާ ހޯދުމަށް ޣައްޒާއިން ބޭރަށް ދިޔުމުގެ ފުރުޞަތު ޣައްޒާގެ ރައްޔިތުންނަށް ނުދިނުމުގެ ސަބަބުން ނިކުންނަމުންދާ ނަތީޖާއަށް ވެސް ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ. ހަނގުރާމައިގެ ކުރިން ފަރުވާ ހޯދުމަށް ޣައްޒާއިން ބޭރުވާ މީހުންގެ ޢަދަދަށް ވުރެ މިހާރު ޣައްޒާއިން ނިކުމެވޭ މީހުންގެ ނިސްބަތް އެތައް ގުނައެއް މަދު ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލި ފަހުން ވެސް ޔަހޫދީން ޣައްޒާގެ 1،422 ރައްޔިތުން ޝަހީދުކޮށްލައި، 5،150 މީހުންނަށް ޒަޚަމްކޮށްލާފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.