ޚަބަރު

ލުބުނާނުގައި ޔަހޫދީންގެ ޢުދުވާންތައް ވަރުގަދަކޮށް، "ޕައިލެޓް ޒޯން" ނާކާމިޔާބު


އެމެރިކާ މެދުވެރިވެގެން ލުބުނާނުގެ ދެކުނުގައި ޤާއިމުކުރި "ޕައިލެޓް ޒޯން" އެއްބަސްވުން ނާކާމިޔާބުވެ، ޔަހޫދީ ފައުޖުތަކުގެ ނުރައްކަލާއި ޖާސޫސީ ފާރަވެރިކަމުގެ ތެރޭގައި އެ ސަރަޙައްދުގެ ޢާންމު ރައްޔިތުން ދިރިއުޅެން މަޖުބޫރުވެއްޖެއެވެ.

ޔަހޫދީ ސިފައިން ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް އަތްގަދަކޮށް، ބުލްޑޯޒަރުތަކާއި ބާރުގަދަ ގޮވުންތައް ބޭނުންކޮށްގެން ޢާންމުންގެ ގެދޮރު ސުންނާފަތިކުރަމުންދާއިރު، އެމެރިކާ މެދުވެރިވެގެން އެ ސަރަޙައްދުގެ "ހުޅަނގު ޒައުތަރު" އަވަށުން ޔަހޫދީ ފައުޖުތައް ފޭބުމަށް އެކުލަވައިލި "ޕައިލެޓް ޒޯން" މަޝްރޫޢު މުޅިން ނާކާމިޔާބުވެއްޖެއެވެ.

ފާއިތުވި ޖޫން މަހު އެ އަވަށުން ޔަހޫދީ ސިފައިން ފޭބި ނަމަވެސް، ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި އިތުރު އެއްވެސް ސަރަޙައްދަކުން ފަހަތަށް ޖެހިފައެއް ނުވެއެވެ. އޭގެ ސަބަބުން އެ އަވަށުގެ ރައްޔިތުންނަށް އަދިވެސް އުޅެންޖެހިފައިވަނީ ކައިރީގައިވާ އަވަށްތަކުގައި ޙަރަކާތްތެރިވާ ޔަހޫދީ ސިފައިންގެ އުނދަގޫތަކާއި، ވިލާތަކުގެ ތެރޭގައި އުދުހޭ ޖާސޫސީ ޑްރޯންތަކުގެ ބިރުވެރިކަމުގެ ތެރޭގައެވެ.

މީގެ 7 މަސްދުވަސް ކުރިން ޔަހޫދީން ލުބުނާނަށް ދޭންފެށި ވަރުގަދަ ވައިގެ ހަމަލާތަކާއި އެއްގަމު މަގުން ހިންގި ޢުދުވާންތަކުގެ ސަބަބުން، 1 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރިކަން ހޯދުމަށް ގެދޮރު ދޫކޮށް ހިޖުރަކޮށްފައެވެ. ލެބަނާނުގެ ދެކުނުގެ އަވަށްތަކުން ޔަހޫދީ ސިފައިން ބޭލުމަށް އެމެރިކާއިން މަސައްކަތްކުރަނީ ޙިޒްބުﷲ ހަތިޔާރު ނެގުމުގެ ޝަރުޠު ކުރިމަތިކޮށްގެންނެވެ.

އަނެއްކޮޅުން ޔަހޫދީ އަސްކަރިއްޔާއިން ބުނަމުންދަނީ ޙިޒްބުﷲގެ ނުރައްކާ ނައްތާލުމުގެ އޮޕަރޭޝަން އަދި ނުނިމޭ ކަމަށެވެ. މި ޙާލަތާ ގުޅޭގޮތުން ހުޅަނގު ޒައުތަރުގެ މޭޔަރު ޢަބްދުލް ޢިއްޒުއްދީން ވިދާޅުވީ، އަސާސީ ޚިދުމަތްތައް ކަމުގައިވާ ފެނާއި ކަރަންޓުވެސް ލިބެންނެތް މި ދަނޑިވަޅުގައި، އެމެރިކާގެ "ޕައިލެޓް ޒޯން" އިސްނެގުމަކީ ބޭކާރު، ނާކާމިޔާބު ރޭވުމެއް ކަމަށެވެ.

މިހާތަނަށް އެ އަވަށަށް އެނބުރި އައިސްފައިވަނީ ގާތްގަނޑަކަށް 70 ޢާއިލާއެވެ. އެ ސަރަޙައްދުގެ ރައްޔިތެއް ކަމަށްވާ ޢުމުރުން 67 އަހަރުގެ މަރިއަމް އަލްޔާޣީ ބުނި ގޮތުގައި، އޭނާގެ ގޭގެ ފުރާޅަށް ޔަހޫދީންގެ ޓޭންކު ހަމަލާއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގޯތިތެރޭގައި ހުރި އެތައް ޒަމާނެއްވީ ޒައިތޫނި ގަސްތައްވެސް ވަނީ ޓޭންކުތަކުން ފުނޑުފުނޑުކޮށް ނައްތާލާފައެވެ. މީގެ އިތުރުން، އެ އަވަށާ އިންވެގެން އޮތް "އިރުމަތި ޒައުތަރު" އަދިވެސް އޮތީ ޔަހޫދީ ފައުޖުތަކުގެ ފުރިހަމަ ބާރުގެ ދަށުގައެވެ. މަސްދަރުތަކުން ބުނާގޮތުގައި ޔަހޫދީން ދަނީ އެ އަވަށުގެ ޢާންމުންގެ ގެދޮރު ރޭވުންތެރިކަމާއެކު ގޮއްވާލައި، ބުލްޑޯޒަރު ބޭނުންކޮށްގެން ބިމާ ހަމަކުރަމުންނެވެ.

ޒައިތޫނި ބިނުމުގެ މޫސުން ފެށިފައިވާއިރު، ޔަހޫދީ ސިފައިން ތިބި ސަރަޙައްދުތަކާ ކައިރީގައިވާ ދަނޑުތަކުން ޒައިތޫނި އެއްކުރުމަށްވެސް، އެމެރިކާ މެދުވެރިވެގެން އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން ޔަހޫދީންގެ ހުއްދަ ހޯދަންޖެހޭތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަމިއްލަ ކާބަފައިންގެ ވަޒަނުން ޒައިތޫނި ބިނުމަށް ޔަހޫދީންގެ ހުއްދައަށް އެދެންޖެހުމަކީ ނިހާޔަތަށް ލަދުވެތި އަދި އަނިޔާވެރި ޢަމަލެއްގެ ގޮތުގައި އެ ރައްޔިތުން ސިފަކުރެއެވެ. އަދި ހުއްދަ ލިބޭއިރު މޫސުން ފާއިތުވެ، ދަނޑުވެރިކަމުގެ ނަފާ ގެއްލިދާނެކަމުގެ ބިރުވެސް މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.