މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ.
މިއީ އެ ބޭންކުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު 9 މަސްދުވަހުގެ ގޮތުގައި ބީއެމްއެލްއިން ފާހަގަކުރައްވައެވެ. ބީއެމްއެލްއިން ވަނީ އެ ބޭންކުގެ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓު އާންމުކޮށްފައެވެ.
ބީއެމްއެލްގެ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާގޮތުން 30 ސެޕްޓެންބަރު 2026 އަށް ނިމުނު 9 މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް 9 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ފަހަރުކަން ބީއެމްއެލްއިން ފާހަގަކުރައްވައެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހު ލިބުނު 1.53 ބިލިޔަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ.
ބީއެމްއެލްގެ 3 ވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިޔަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިޔަން ރުފިޔާއާ އަޅައިބަލާއިރު %36 އިތުރު އަދަދެކެވެ. މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އިންކަމްގެ ގޮތުގައި 874.8 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
އަހަރުގެ 3 ވަނަ ކުއާޓަރުގައި ބޭންކުގެ ރައުސްމާލުވެސް ވަނީ ވަރުގަދަކޮށްފައެވެ. 3 ވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ އެޑިކުއެސީ ރޭޝިއޯ ހުރީ %38 ގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ %12 އަށްވުރެ 3 ގުނަ އިތުރު އަދަދެއްކަން ބީއެމްއެލްއިން ވަނީ ފާހަގަކުރައްވާފައެވެ.
"2026ވަނަ އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެއެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުން." 3 ވަނަ ކުއާޓަރުގެ މާލީ ނަތީޖާއާގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ މާލީ ރިޕޯޓު ދައްކާގޮތުން ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް 42.36 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިޔަން ރުފިޔާއަށް ވުރެ %14 އިތުރު އަދަދެކެވެ.
ލޯނު ދޫކުރުމުގައިވެސް އައު ރިކޯޑެއް މި 9 މަސްދުވަހުގެ ތެރޭގައި ހަދާފައިވާކަން ބީއެމްއެލްއިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ މުއްދަތުގައި އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި ޖުމްލަ ލޯނަށްވުރެވެސް އިތުރު އަދަދެކެވެ.
ބީއެމްއެލްއިން އާންމުކުރި މާލީ ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި، ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ 2.86 ބިލިޔަން ޑޮލަރަށް އަރައެވެ. މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްތަކެވެ.
މި މުއްދަތުގައި ދިވެހި ރުފިޔާއަށް ބަދަލުކޮށް ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ އަދަދު، 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 733.8 މިލިޔަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް ބީއެމްއެލްއިން 80.2 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރު މަހަކަށްޖެހޭ އެވްރެޖަށްވުރެ %31 އިތުރު އަދަދެއްކަން ބޭންކުން ފާހަގަކުރައްވައެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ނަތީޖާ ހާސިލުކުރެވުނީ އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28 ގައި ހުރިއިރު، މިއީ ސަރަޙައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާކަމަށާއި ރިޓާން އޮން އިކުއިޓީ ހުރީ %14 ގައިކަމަށް އެ ބޭންކުން ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް، މިފަދަ ގޮންޖެހުންތައް ބޮޑު މާޙައުލެއްގައި މި ނަތީޖާ ޙާޞިލުކުރެވިފައިވުމަކީ ކުރިއަށްއޮތް ތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.