ދުނިޔޭގެ ވިޔަފާރި

އެއާލައިންތަކަށް ލިބޭ ގެއްލުން މިއަހަރު ކުޑަވާނެކަމަށް ލަފާކޮށްފި


ދުނިޔޭގެ އެއާލައިންތަކަށް ލިބޭ ގެއްލުން މިއަހަރު 9.7 ބިލިއަން އެމެރިކާ ޑޮލަރަށް ކުޑަވާނެކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން (އައިއޭޓީއޭ)އިން ލަފާކޮށްފިއެވެ.

2023ވަނަ އަހަރު އެއާލައިންތަކަށް ލިބޭ ފައިދާ ވަރަށް ބޮޑުތަން އިތުރުވާންޖެހޭނެކަމަށް އައިއޭޓީއޭގެ ޑިރެކްޓަރ ޖެނެރަލް ވިލީ ވޯލްޝް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު އެއާލައިންތަކަށް ލިބުނު ގެއްލުން ވަނީ 52 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. އައިއޭޓީއޭގެ 78ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިލީ ވިދާޅުވީ އެއާލައިންތަކުގެ އައުޓުލުކް ރަގަޅުވާނެކަމަށް ދެއްކި ނަމަވެސް ވަރަށް ގިނަ ގޮންޖެހުންތައް އެއާލައިންތަކަށް އެބަހުރި ކަމަށެވެ.
ތަރައްޤީވެފައިވާ 38 ޤައުމު ހިމެނޭ އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑެވެލޮޕްމަންޓް (އޯއީސީޑީ)ގެ އޭޕްރީލް މަހު އިންފްލޭޝަން %9އަށް އަރާފައިވާ ކަމަށް ވިލީ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިދިޔަ އަހަރާއި އަޅާބަލާއިރު ހަކަތައިގެ އަގު %50 އަށް އުފުލޭނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާކަމަށްވެސް ވިލީ ވިދާޅުވިއެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކާބޯތެކެތި ލިބުން ދަތިވެފައިވާކަމަށްވެސް ވިލީ އިތުރަށް ވިދާޅުވިއެވެ. މިހުރިހާ ކަމަކީވެސް އެއާލައިންތަކަށްހުރި ގޮންޖެހުންތައްކަމަށް ވިލީ ފާހަގަކުރެއްވިއެވެ.

ދަތުރުފަތުރުކުރަން ބޭނުންވުމާއި އެއްތަނުން އަނެއްތަނަށް ތަކެތި އުފުލަން މަޖުބޫރުވުމުގެ ސަބަބުން އެއާލައިން އިންޑަސްޓްރީ މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަވެފައިކަމަށް ވިލީ ބުނެއެވެ. އައިއޭޓީއޭ އަކީ 290 ޤައުމު ތަމްސީލުކުރާ އެސޯސިއޭޝަނެކެވެ. އަދި ދުނިޔޭގެ އެއާ ޓްރެފިކްގެ %83 މި އެސޯޝިއޭޝަނުން ހިއްސާވެސްވެއެވެ.