ސްރީލަންކާއަށް މިހާރު ކުރމަތިވެފައިވާ އިޤްޠިޞާދީ ކާރިޘާ ގައި ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަން ޙައްލުކޮށްދިނުމުގެ ގޮތުން 22 މިލިއަން އޮސްޓްރޭލިއަން ޑޮލަރުގެ އެހީ އޮސްޓްރޭލިއާއިން ފޯރުކޮށްދޭން ނިންމައިފިއެވެ.
އޮސްޓްރޭލިއާއިން މިގޮތަށް ނިންމިކަން އިޢުލާންކުރީ އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރ ކްލެއާ އޯ ނީލް މިދިޔަ ހޯމަ ދުވަހު ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. މިދަތުރުފުޅުގައި ކްލެއާ ވަނީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހާ އާއި ބައްދަލުކުރައްވާފައެވެ.
އޮސްޓްރޭލިއާ ސަރުކާރުން ނެރުނު ނޫސް ބަޔާނެއްގައިވަނީ ވޯލްޑް ފުޑް ޕްރޮގްރާމްގެ ދަށުން 22 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދޭނެކަމަށެވެ. މީގެ ސަބަބުން ލަންކާގައި ހާލުގައިޖެހިފައިތިބި 3 މިލިއަނެއްހާ މީހުންނަށް ކާނާ ލިބޭނެކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި އެހީގެ ސަބަބުން ލަންކާގެ އިޤްޠިޞާދު އާރާސްތުކުރުމަށް ފަސޭހަ ވެގެން ދާނެކަމަށްވެސް ބަޔާނުގައިވެއެވެ.
އޮސްޓްރޭލިއާއިން މިފަހަރު މި ފޯރުކޮށްދީ އެހީ އަކީ މީގެކުރިން ލަންކާއަށް ކަނޑައަޅާފައިވާ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ އޭޖެންސީސް އަށް ދިން 5 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން ވެދިން އެހީއެކެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިޤްޠިޞާދީ މި ކާރިޘާގެ ސަބަބުން ކާބޯތަކެތީގެ އިތުރުން ގޭހާއި، ބޭސް އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތީގެ އަގުވެސް ލަންކާގައި ވަނީ ބޮޑުތަނުން އުފުލިފައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލަންކާގެ އިންފްލޭޝަން ރޭޓު މިހާރު ވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެ، %39.1 އަށް އަރާފައެވެ.
22 މިލިއަން މީހުން ދިރިއުޅޭ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާއަކީ 1948ވަނަ އަހަރު އިނގިރޭސިންގެ އަތުން އެ ޤައުމަށް މިނިވަންކަން ލިބުނު ފަހުން ދިމާވި އެންމެ ބޮޑު ކާރިޘާކަމަށް އެ ޤައުމުގެ ރައްޔިތުން ބުނެއެވެ.