ރާއްޖޭގެ ސިއްޙީ ނިޒާމް ތަރައްޤީކުރުމަށާއި ޤައުމީ ލެބޯޓްރީ ޤާއިމްކުރުމަށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ)އިން 18.4 މިލިއަން ޔޫރޯ ގެ ލޯނެއް ރާއްޖެއަށް ދީފިއެވެ.
މި ލޯނަކީ 2021ވަނަ އަހަރު އީއައިބީއިން ތަޢާރަފްކޮށްފައިވާ "ސައުތު އޭޝިއާ ޕަބްލިކް ހެލްތްކެއަރ ކޯވިޑް-19 ޕްރޮގްރާމް ލޯން" ގެ ދަށުން ރާއްޖެއަށް ދީފައިވާ ލޯނެވެ.
މި ލޯނުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބެލްޖިއަމްގެ ބްރެސެލްސް ގައި ކުރިއަށްދާ "ޔޫރަޕިއަން ޑިވެލޮޕްމަންޓް ޑޭސް" އިވެންޓްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ. އަދި އީއަިބީން ސޮއި ކުރި އެ ބޭންކްގެ ގްލޯބަލް ޕާރޓްނާސް ޑައިރެކްޓަރ މާރިއާ ޝޯވ އެވެ.
Government of Maldives has today signed a concessional loan of EUR 18.4million with European Investment Bank (EIB) for establishing a National Health Laboratory and isolation facilities in the atolls. @EIB pic.twitter.com/unkc9375EP
— Ministry of Finance (@MoFmv) June 22, 2022
ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިލޯނަކީ ވަރަށް ކޮންސެޝަނަލް ޓާމްތަކެއްގައި ދިގުމުއްދަތަކަށް ބަހާލައިގެން ދައްކާ ގޮތަށް ނަގާފައިވާ ލޯނެއްކަމަށެވެ. އަދި މިލޯން ބޭނުންކުރެވޭނީ ރާއްޖޭގެ ސިއްޙީ ނިޒާމް ތަރައްޢިކުރުމަށްޓަކައި ޒަމާނީ ވަޞީލަތްތަކާއެކު ނެޝަނަލް ހެލްތް ލެބޯޓްރީއެއް ޤާއިމްކުރުމަށްކަމަށެވެ. މީގެ އިތުރުން އަތޮޅުތެރޭގައި އިންފެކްޝަން ޑިސީޒް ވޯޑްތައް ޤާއިމްކުރުމަސްވެސް މި ލޯނުން ޚަރަދުކުރާ ގޮތަށް ވަނީ ނިންމާފައެވެ. މިގޮތުން 18 ރަށެއްގައި އައިސޮލޭޝަން ފެސިލިޓީތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ނިޒާމް އިތުރަށް ޒަމާނީކޮށް ލާމަރުކަޒީ ކުރުމުގެ ފުރުޞަތި ފަހިވެގެންދާނެކަމަށް ފިނޭންސްމިނިސްތްރީން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީން މި ލޯނު ނެގި އިރު މިދިޔަ ހަފުތާގައި ތިން ބޭންކެއް މެދުވެރިކޮށް ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން ވަނީ 101 މިލިއަން ޔޫރޯގެ ލޯނެއް ނަގައިފައެވެ.