ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިންފްލޭޝަން ރެކޯޑް ޢަދަދަކަށް މައްޗަށް


ކާބޯތަކެތީގެ އަގު އުފުލި އިނގިރޭސިވިލާތުގެ މިދިޔަ މަހުގެ އިންފްލޭޝަން ރެކޯޑު ޢަދަދަކަށް މަތިވެއްޖެއެވެ.

އެ ޤައުމުގެ އިންފްލޭޝަން ރޭޓު މިހާރު ހުރީ %9.1 ގައެވެ. ވޭތުވެދިޔަ 40 އަހަރުދުވަހުގެ ތެރޭގައިވެސް އިނގިރޭސިވިލާތުގެ އިންފްލޭޝަން މިހާ މައްޗެއް ނުވެއެވެ. މިއާއެކު އިނގިރޭސިވިލާތް ވެފައިވަނީ ޖީ ސެވަން ޤައުމުތަކުގެ ތެރެއިން އިންފްލޭޝަން އެންމެ މަތި ޤައުމަށެވެ.

ކާބޯތަކެތީގެ އަގު މެއިމަހު ވަނީ %8.7 ށް އުފުލިފައެވެ. އަދި ޖުމްލަކޮށް ކޮންސިއުމާ ޕްރައިސަސް ވަނީ %0.7 އަށް އުފުލިފައެވެ.

އިނގިރޭސިވިލާތުގެ އިންފްލޭޝަން މަތިވެފައިމިވަނީ އެނަލިސްޓުންވެސް އެ ޤައުމުގެ އިންފްލޭޝަން މަތިވާނެކަމަށް ލަފާކޮށްފައިވާ ޢަދަދާއި ގާތްގަޑަކަށް އެއްވަރުގެ ޢަދަދަކަށެވެ. އަދި ކުރިއަށްއޮތްތަނުގައި އެ ޤައުމުގެ އިންފްލޭޝަން މައްޗަށްދާނެކަމަށްވެސް އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ. އަންނަ އޮކްޓޫބަރު މަހު އިނިރޭސިވިލާތުގެ އިންފްލޭޝަން %11 އަށް އަރާނެކަމަށްވެސް ބޭންކް އޮފް އިންގްލޭންޑުން ވަނީ ލަފާކޮށްފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ގިނަ ސަރަޙައްދުތަކެއްގެ ދިރިއުޅުމުގެ އަގުތައް ދަނީ އުފުލެމުންނެވެ. މިއާއިއެކު މަސައްކަތްތެރިން ދަނީ އެމީހުންގެ މުސާރަ ބޮޑުކުރަމަށް ގޮވާލަމުންނެވެ.

އިނގިރޭސިވިލާތުގެ ހެޑްލައިން އިންފްލޭޝަން ރޭޓު މިދިޔަ މެއި މަހު ހުރި ޢަދަދަކީ އެމެރިކާ، ފްރާންސް، ޖަރުމަނުވިލާތް އަދި އިޓަލީގެ ހެޑްލައިން އިންފްލޭޝަން ހުރި ޢަދަދަށްވުރެ މާ މަތީގައެވެ. އަގުތައް ތިރިކޮށް އިންފްލޭޝަން ރޭޓު ދަށްކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.