ކޮންމެ ދިވެއްސަކަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްޤެކެވެ. އަބުރުވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ އެންމެ އަސާސީ އެއްކަމަކީ ބޯހިޔާވަހިކަމެވެ. މިއީ މިއަދު ރާއްޖޭގައި އެތައް ގަރުނެއްވީ ބޮޑު މައްސަލައެކެވެ. ވަކިން ޚާއްސަކޮށް ވެރިކަންކުރާ ފުރަ މާލޭގައި މި މައްސަލަ އިންތިހާއަށް ބޮޑެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކާ އެކި ސަރުކާރުތަކުން ތަފާތު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް އަދި އަލަށްވެސް މިކަމަށް އެކަށީގެންވާ ޙައްލެއް ލިބިފައިނުވާކަމީ އާއްމުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިއީ ހަމައެކަނި މިއަދު ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. މިއީ އެތައް ޒަމާނެއްވީ އިޖްތިމާޢީ ބޮޑު މައްސަލައެކެވެ.
މިކަން މީހާ ބޮޑަށް ގޯސްވެގެންދިޔަ ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެނީ އެއްވެސް ހަމައެއް ލަމައެއްނެތި މާލޭ ސަރަޙައްދުގެ އާބާދީ އިތުރުވަމުން ދިއުމެވެ. މިހެން މިކަން ދިމާވީ މާލޭ ސަރަހައްދަށް ހުރިހާ ބާރުތަކާއި އަސާސީ ޚިދުމަތްތައް ޖަމާކުރުމުގެ ސަބަބުންނެވެ. ފެންވަރު ރަނގަޅު ތަޢުލީމެއް ނުވަތަ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދަން ރަށްރަށުން އާއިލާތަކުން މާލޭ ސަރަޙައްދަށް ހިޖުރަކުރުން ޖެހުމެވެ. ކަންމިހެން އޮތްއިރު މާލެއަށް އިތުރުވަމުންދިޔަ އާބާދީއާއި ބޯހިޔާވަހިކަމުގެ ޑިމާންޑް އޮތް މިންވަރާއި ގާތަށްވެސް އެއްވެސް ސަރުކާރަކަށް އެކަން ކުރެވިފައެއްނެތެވެ.
މިހާ ހިސާބުން ތަންކޮޅެއް ކުރިއަށް ޖެހިލާނަމެވެ. މާލެއިން ގޯތިދޫކުރުމާއި ބިން ދޫކުރުމަކީ ރަސްރަސްކަލުންގެ ޒަމާނުއްސުރެ ކޮށްއުޅޭ ކަމެކެވެ. ނަމަވެސް އޭރު އެކަން ކުރީ، ވެރިންނަށް މޮޅުގޮތަށް، ގާތްތިމާގެ މީހުންނާއި މުއްސަނދިންނަށް މާލޭގެ ބޮޑެތި ބިންތައް ބަހާ އުޞޫލުންނެވެ. އާދައިގެ ރައްޔިތަކަށް ގޯތި ހޯދުމަކީ އޭރުވެސް އުނދަގޫ ކަމެކެވެ. ރަސްކަމުގެ ދުވަސްވަރުނިމި، ޖުމްހޫރިއްޔަތުގެ ވެރިކަން ފެށިގެން އައިއިރުވެސް ގޯތިދޫކުރުމުގެ ކަންކަން ކޮށްއުޅުނެވެ. އެކަން ކުރަން މާލެއިން ބިން ހިއްކާ، ބިން ބޮޑުވެސް ކުރިއެވެ. ނަމަވެސް އޭރު އެކަން ކުރުމުގައި މާލޭ ރައްޔިތުންނަށްވުރެ ބޮޑަށް އިސްކަންދިނީ ހުޅުލެއާއި ގިރާވަރުން މާލެބަދަލުވި ރައްޔިތުންނަށެވެ.
މާލެއިން ގޯތިދޫކުރުމުގެ ތާރީޚަށް ޖެހިލާއިރު، މާލޭގެ ދެކުނު ފަރާތުން އަމިއްލައަށް ބިން ހިއްކާގޮތަށް 5 ޖުލައި 1965 ގައި 10 ގޯއްޗެއް ދޫކޮށްފައިވެއެވެ. މިއާއެކު މާލޭ ބިމުގެ މުހިއްމުކަމާއި އެކަމަށް ބޭނުންޖެހިފައި އޮތް މިންވަރު ސަރުކާރަށް ވިސްނި، މާލޭ ފަޅުން ބިން ހިއްކުމުގެ ބިލެއް 7 އޭޕްރީލް 1979 ގައި ފާސްކުރެވުނެވެ. އަދި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޤްޞަދުގައި މާލޭ ހުޅަނގު ފަރާތާއި، ދެކުނު ފަރާތުގެ ބިން ހިއްކުމުގެ މަސައްކަތް ހަމަ އެއަހަރުގެ އޭޕްރީލް 21 ގައި ފެށުނެވެ.
ދެކުނު ފަރާތުން ހިއްކާފައިވާ ބިމުން ގޯތިދޫކުރަން ފަށާފައިވަނީ 1981 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. މި ގޯތިތައް ދޫކުރީ މާލޭގެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ސަރުކާރަށް ޚިދުމަތްކުރަމުންދާ މީހުންނަށެވެ. މި ގޯތިތައް ދޫކޮށްފައިވަނީ ސަރުކާރާއެކު ވެވުނު އެއްބެސްވުމެއްގެ ދަށުންނެވެ.
މި އެއްބަސްވުމުގައިވާގޮތުން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި 20 އަހަރު ސަރުކާރަށް ޚިދުމަތްކުރަންޖެހޭނެއެވެ. އަދި އެއްވެސް ގޮތަކުން "ތަންކޮޅެއް" ލިބިފައިވާ މީހަކުނަމަ ގޯއްޗާއި ޙަވާލުވުމުގެ ކުރިން އެތަންކޮޅެއް ލިބިފައިވާ ގޯތިން ބައިލިބޭ އެހެން މީހުންނަށް ދޫކޮށްލަންޖެހޭނެއެވެ. ގޯއްޗާއި ހަވާލުވާފަހުންވެސް އެފަދަ ތަނެއް ލިބުނަސް އެއްމަސް ތެރޭ އެތަނެއް ދޫކޮށްލަންޖެހެއެވެ.
މާލޭގެ ދެކުނު ފަރާތުންނާއި ހުޅަނގު ފަރާތުން އެކި ދުވަސްވަރު ހިއްކާފައިވާ ބިމުގެ ތެރެއިން މާލޭގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ބިމުން ގޯތި ދޫކޮށްފައެއްނުވެއެވެ. ބަދަލުގައި އެތަނުން ބިން ދޫކޮށްފައިވަނީ ސަރުކާރާއި އޮފީސް އިމާރާތްތައް އެޅުމަށެވެ. އޭގެ ތެރޭގައި ސޯޝަލް ސެންޓަރާއި، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ތާޖުއްދީން ސްކޫލާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ހެޑް އޮފީސް އިމާރާތް ހިމެނެއެވެ. އޭގެފަހުން ހިރިޔާ ސްކޫލުވެސް އިމާރާތްކޮށްފައިވަނީ އެ ސަރަޙައްދުންނެވެ.
1979 ވަނަ އަހަރުގެ ފަހުންވެސް އެކި ދުވަސްވަރު މާލޭގެ ދެކުނުފަރާތުން ބިން ހިއްކާ ގޯއްޗާއި، ސަރުކާރުގެ އިމާރާތްތައްވެސް ހަދާފައިވެއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އިންޖީނުގެއާއި، ފެން އުފައްދާ ކާރުޚާނާއާއި ދަރުބާރުގެފަދަ ތަންތަން ހިމެނެއެވެ.
1987 ވަނަ އަހަރަކީ މާލޭގައި ގެދޮރުގެ ދަތިކަން ބޮޑުވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މުހިއްމު ނިންމުމެއް ނިންމެވި އަހަރެކެވެ. އެގޮތުން 1 އޯގަސްޓް 1987 ގައި މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިންގާ ޔުނިޓެއްގެގޮތުގައި "ސެލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓް"ގެ ނަމުގައި ޔުނިޓެއް އުފެއްދެވިއެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެގޮތުގައި ކުރިން ހިންގަމުންދިޔަ މާލެއަތޮޅު ވިލިނގިލީގައި މީހުން އާބާދުކުރުމުގެގޮތުން، އެ ރިސޯޓު ކުއްޔަށްދީފައިވާ މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް ރިސޯޓު ކުއްޔަށް ދޫނުކޮށް، ސަރުކާރަށް އެ ރަށް ނެގުނެވެ.
އޭގެފަހުން 1991 ވަނަ އަހަރުގެ ތެރޭގައި ވިލިނގިލިން ގޯތިދޫކުރުމުގެ މަސައްކަތް ފެށުނެވެ. ފުރަތަމަ ފަހަރު 300 ގޯތި ދޫކޮށް، ގުރުއަތުން ހޮވުނު ފަރާތްތަކަށް އެ ބިންތައް ޙަވާލުކުރިއެވެ. ގޯތި ލިބުނު މީހުންގެ ތެރޭގައި މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ އެހެން ރަށްރަށުގެ މީހުންވެސް ހިމެނެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ދެން ކުރެއްވި އަނެއް މުހިއްމު މަސައްކަތްތަކަކީ ސިނަމާލެއާއި މާލޭ ހިޔާ އަދި ވިލިނގިލީގައި ފްލެޓް އަޅާ ފްލެޓް ދޫކުރުމުގެ މަސައްކަތެވެ. ހަމައެހެންމެ ހުޅުމާލެ ހިއްކާ، އެތަނުގައި މީހުން އާބާދުކުރުމުގެ މަސައްކަތް ފެށިގެން އައީވެސް އެމަނިކުފާނު ޒަޢާމަތުގައެވެ.
އޭގެއެފަހުން ރައީސް ނަޝީދާއި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގޯތިދޫކުރުމާއި ފްލެޓް އެޅުމުގެ މަޝްރޫޢުތައް މާލޭ ސަރަޙައްދުގައި ހިންގާފައިވެއެވެ.
އެހެންނަމަވެސް މި މަޝްރޫޢުތަކުން މާލޭ ރައްޔިތުންނަށާއި، މާލޭ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނާއި، މާލޭގައި ގިނަ ދުވަހު އުޅުނު އެހެން ރަށްރަށަށް ނިސްބަތްވާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކޮށްފައިވެއެވެ. މާލޭ ރައްޔިތުންނަށް ސީދާ އަމާޒުކުރެވިގެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގިފައެއްނެތެވެ.
މާލޭ ސަރަޙައްދުގައި މިފަހުން ހިންގުނު ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުތަކެއްގައިހެން މާލޭ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ގޯއްޗާއި ފްލެޓް ދޫކޮށްފައިވެއެވެ. ކޮންމެއަކަސް މާލޭގެ ރައްޔިތުންތިބީ ޒަމާންވީ މި ބޮޑު މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބޭނެ ދުވެހެއްގެ އިންތިޒާރުގައެވެ.
ކުދިކުދި އަލިފާންފޮށިވަރުގެ ތަންތަންކޮޅުން ނިކުމެ، އާއިލާއާއެކު އަނބުރުވެރި އުފާވެރި ހަމަޖެހޭ ދިރުއުޅުމެއް ލިބޭނެ ދުވަހަކަށް ކެތްމަދުވެފައެވެ. މިއީ މި ސަރަހައްދުގެ އިޖްތިމާޢީ އެތައް މައްސަލައާކާއި ގުޅިފައިވާ އަވަސް ޙައްލެއް ބޭނުންވާ މައްސަލައެކެވެ.