ޙައްޖުވެރިންނަށް އެއަރޕޯޓަށް ބަހުގައި ދެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަހަރު ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގުރޫޕް މިމަހުގެ 26 ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށްޓަކައި ކޯޓާގެގޮތުގައި ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 100 ޖާގައަށް މީހުން ހޮވާފައިވަނީ ޢާއްމުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އަދި ބާކީ ޖާގަތަކަށް މީހުން ނެގީ ޙައްޖު ކޯޕަރޭޝަންގެ ކިއު ތަރުތީބުންނެވެ. މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ ޖޫންމަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި، ޖުލައި މަހުގެ 2 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.
މިމަހުގެ 26 ވަނަ ދުވަހު އޮންނަ ފްލައިޓުން 157 ޙައްޖާޖީން، 29 ވަނަ ދުވަހުގެ ފްލައިޓުން 175 ޙައްޖާޖީން އަދި ޖުލައި 2 ވަނަ ދުވަހު އޮންނަ ފްލައިޓުން 115 ޙައްޖާޖީން ފުރާނެއެވެ. މި 3 ދުވަހުވެސް ފްލައިޓް ފުރުން އޮތީ ރޭގަނޑު 23:15 ގައެވެ. އެހެންކަމުން މި 3 ދުވަހުވެސް ޙައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށްޓަކާ ރޭގަނޑު 7 އިން ފެށިގެން 8 ދެމެދު ޚާއްސަ ބަސް ދަތުރުތަކެއް ވަނީ ހަމަޖައްސާފައެވެ.
ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްވަމުންދާ އެންމެފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދު ޖަންނަތު ސަޢީދު ވިދާޅުވީ، މާލެއާއި ހުޅުމާލެއާއި ވިލިމާލެއިން ފުރާ ޙައްޖުވެރިންނަށް އެއަރޕޯޓަށްދެވޭނެ ފަސޭހަ އިންތިޒާމްތަކެއް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން އެއަރޕޯޓަށް ދާ ޙައްޖުވެރިންނަށް އެމް.ޓީ.ސީ.ސީގެ ޑަބަލްޑެކް ބަސްތަކާއި ކޯޗް ބަސްތަކުގެ އިތުރުން، މިނީ ބަސްތަކާއި ކުދި ވެހިކަލްތައް ހަމަޖައްސާފައިވާކަމަށް ޖަންނަތު ވިދާޅުވިއެވެ. އަދި ވިލިމާލެއިން އެއަރޕޯޓަށް ދާން ބޭނުންވާ ޙައްޖުވެރިންނަށް މާލެނައިސް، ސީދާ ވިލިމާލެއިން ލޯންޗުގައި އެއަރޕޯޓަށް ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.
ޖަންނަތު ވިދާޅުވީ، ބަސް ސްޕޮޓްތަކާއި ބަސް ދަތުރުކުރާ ރޫޓުތައް ހަމަޖައްސާފައިވަނީ ޙައްޖާޖީން ދިރިއުޅޭ ގޭބިސީތަކުން ނިކުމެގެން މާ ދުރަށް ހިނގާފައިދާން ނުޖެހޭގޮތަށް ބަލައިގެންކަމަށެވެ. އެގޮތުން މިމަހުގެ 26 ވަނަ ދުވަހު ދަތުރުކުރާ ޙައްޖާޖީންނަށް މާލޭގެ 16 ސަރަޙައްދަކުންނާއި ހުޅުމާލޭ 4 ސަރަޙައްދަކުން ބަސް ދަތުރުތައް ހަމަޖައްސާފައިވާކަމަށް ޖަންނަތު ވިދާޅުވިއެވެ.
"ޑަބަލްޑެކް ބޮޑެތި ބަސްތައް ޚާއްސަކޮށްފައިވާނީ ޙައްޖާޖީންގެ އެހީތެރިންނާއި އާއިލާ މެންބަރުން ދަތުރުކުރުމަށް. ޙައްޖާޖީންނަށް އެއަށްވުރެ ކުދި ބަސްތަކެއް މާލޭގެ މަގުތަކަށް ވަދެވޭގޮތަށް ހުރި ކުދި ބަސްތަކެއް ބޭނުން މިކުރަނީ. ފުރަތަމަ ފްލައިޓަށް ބަލާއިރުވެސް މާލޭގެ 16 ސަރަހައްދަކުން އަޅުގަނޑުމެން އެބަ ކަލެކްޓްކުރަން ޙާޖީން. އަޅުގަނޑުމެންގެ އަތުގައި އެބަހުރި އެ މަޢުލޫމާތުތައް މިހާރު. އެއިން ކޮންމެ ސަރަޙައްދަކުންވެސް ފުރާނެ ޙާޖީންގެ ގެތައް އަޅުގަނޑުމެންނަށް ލޮކޭޓްކުރެވިފައިވަނީ. އެ ސަރަޙައްދުގައި ޙައްޖުވެރިންނަށް އެހީތެރިވުމަށް ސްކައުޓުންނާއި ގާލްގައިޑުން ހަރަކާތްތެރިވާނެ" ޖަންނަތު ވިދާޅުވިއެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ 3 ދުވަހުވެސް ބަސްދަތުރުކުރާ ރޫޓުގައި ހިމެނޭ ބައެއް މައި މަގުތަކުގެ ޓްރެފިކަށް ފުލުހުން ވަނީ ބަދަލުގެނެސްފައެވެ. މިކަމާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޚަލީލް ވިދާޅުވީ، ޙައްޖުވެރިންގެ ދަތުރުތައް އޮންނަ 3 ދުވަހުގެ ރޭގަނޑު 7 އިން 8 އަކަށް އަމީނީ މަގާއި މަޖީދީމަގު ހުޅަނގުން އިރަށް ވަންވޭއަށް ދުއްވާގޮތަށް ބަދަލުކުރާނެކަމަށެވެ. އަދި އެގަޑީގައި ބްރިޖް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުން ކުރިއަށްދާނީ މެނުއަލްކޮށް ފުލުހުން އެތަނުގައި ތިބެގެންކަމަށެވެ. މި ހުރިހާ ބަސްތައް ދަތުރުކުރާނީ އެއްކޮށް ކަމަށާއި ބަސްތަކަށް މަގުދައްކައިދިނުމުގައި ފުލުހުން ހަރަކާތްތެރިވާނެކަމަށް ޚަލީލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މައިގަނޑުގޮތެއްގައި މި ނެގީ އަމީނީ މަގާއި، މަޖީދީ މަގާއި، ދެން އޯކިޑް މަގާއި، ފަރީދީ މަގު. މިގޮތަށްހުރި މަގުތަކަށް ބޮޑެތި ބަސްތައް ދާނީ. އަދި ކުދިކުދި މަގުތަކަށް ކުދި ވެހިކަލްތައް ދާނެ. އަދި ކުރިއަށްއޮތްތާނގައި ޖޫން 29 އަދި ޖުލައި 2 ގައި ފުރާ ޙައްޖާޖީންނަށްވެސް އެ އިންތިޒާމް ހަމަޖެހިގެންދާނެ. އެހެންވީމަ ޓްރެފިކް ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަކަރާތްތެރިވާނެ" ޚަލީލް ވިދާޅުވިއެވެ.
ޙައްޖުވެރިންގެ ދަތުރުތައް ވީހާވެސް ފަސޭހަކުރުމަށްޓަކާ ކަމާބެހޭ ހުރިހާ އިދާރާތަކެއް އެކުގައި މަސައްކަތްކުރުމަށް ޚާއްސަ އޮޕަރޭޝަން ސެންޓަރެއް އިސްލާމިކް މިނިސްޓްރީން ވަނީ ޤާއިމުކޮށްފައެވެ. އަދި ޙައްޖާޖީން އެއަރޕޯޓަށް ގެންދިއުމަށްފަހު، ޗެކިންގގެ ކަންކަންވެސް ވީހާވެސް ފަސޭހަކުރުމަށް ޚާއްސަ އިންތިޒާމްތަކެއް ޓަރމިނަލް ތެރެއިން އިމިގްރޭޝަނާއި އެމް.އޭ.ސީ.އެލް މެދުވެރިކޮށް ހަމަޖައްސާފައިވެއެވެ.
ޙައްޖާޖިން އެއަރޕޯޓަށް ދިއުމަށް ޚާއްސަ އިންތިޒާމްތަކެއް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވާފައިވާއިރު، އަމިއްލަ ވެހިކަލް ނުވަތަ ޓެކްސީގައި އެއަރޕޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް މި އޮޕަރޭޝަން ވީހާވެސް އަމާންކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ ހުރިހާ ޙައްޖާޖީންވެސް މިނިސްޓްރީން ހަމަޖައްސަވާފައިވާ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.
މި ދަތުރުތައް އޮންނަ 3 ދުވަހުވެސް ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުވެ، މިކަމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެކަން ފުލުހުން ފާހަގަކުރައްވާފައިވެއެވެ.