ބޫޓު އުފައްދާ އެމެރިކާގެ ކުންފުނި ނައިކީގެ ރަޝިއާ ވިޔަފާރި ބަންދުކުރަން އެ ކުންފުނިން ނިންމައިފިއެވެ. ނައިކީ އަކީ ފެބްރުއަރީމަހު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގައި ސަބަބުން ރަޝިއާގެ ވިޔަފާރި އެންމެ ފަހު ބަންދުކުރި ހުޅަނގުގެ ކުންފުންޏެވެ.
މިކަން އިޢުލާނުކޮށް ނައިކީ އިން ވަނީ ބަޔާނެއް ނެރެފައެވެ. ރަޝިއާ ވިޔަފާރި ނައިކީ އިން މި ބަންދުކުރީ ރަޝިއާގެ އޮންލައިން އޯޑަރުތައް ނެގުން މިދިޔަ މާޗް މަހު ހުއްޓާލާފައި އޮތުމަށްފަހުގައެވެ. އަދި ހަމަ މާޗް މަހު ރަޝިއާގައި ހުންނަ ނައިކީގެ ފިހާރަތައްވެސް ވަނީ ބަންދުކޮށްފައެވެ.
ރަޝިއާގެ ޕާޓްނަރުން ހިންގާ ވިޔަފާރިތައް އެދުވަސްވަރު ހުޅުވާފައިހުރި ނަމަވެސް ނައިކީ އިން މިހާރު ވަނީ ޕާޓްނަރުންގެ އެއްބަސްވުންތައްވެސް ނިމުމަކަށް ގެނެސްފައެވެ. ނެޓްވޯކް ކުންފުނި ސިސްކޯ އިންވެސް ރަޝިއާ އާއި ބެލަރޫސްގައި ހިންގާ އެމީހުންގެ ވިޔަފާރިތައް ބަންދުކުރަން ވަނީ ނިންމާފައެވެ. މީގެއިތުރުން މެކްޑޮނާލްޑަސް އާއި ސްޓާބަކްސް އިން އެ ޤައުމުގައި ހިންގާ ވިޔަފާރިވެސް ބަންދުކުރަން ވަނީ ނިންމާފައެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުނީއްސުރެ ހުޅަނގުގެ ޤައުމުތަކުން ދަނީ ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ ގިނަ ކުންފުނިތަކަކުން ދަނީ ރަޝިއާގައި އެމީހުން ހިންގާ ވިޔަފާރިތައް ބަންދުކުރަމުންނެވެ.
ރަޝިއާއިން ދަނީ މިގޮތަށް ރަޝިއާގެ ވިޔަފާރިތައް ބަންދުކުރާ ބޭރުގެ ކުންފުނިތަކަށް ޕެނަލްޓީސް ދޭނެ ގޮތްތަކެއް ހޯދައި ޤާނޫނު އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.