ތަކެތީގެ އަގު އުފުލޭތީ އަގު ކޮންޓްރޯލްކޮށް އިންފްލޭޝަން ތިރިކުރުމުގެ ގޮތުން ސަބްސިޑީޒްގެ ގޮތުގައި 17.6 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް މެލޭޝިޔާގެ ސަރުކާރުން ނިންމައިފިއެވެ.
މިއީ މެލޭޝިއާއިން ސަބްސިޑީޒްގެ ގޮތުގައި މިހާބޮޑު ޢަދަދެއް ހޭދަކުރާ ފުރަތަމަ ފަހަރެވެ.
މަސައްކަތްކުރާނެ މީހުން ލިބުމުގެ ދަތިކަމުގެ އިތުރުން ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން މެލޭޝިއާގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މެލޭޝިއާ ސަރުކާރުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މެއިމަހު ރެކޯޑުކުރެވިފައިވާ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ވަނީ %5.2 އަށް އިތުރުވެފައެވެ. މިއީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން އެ ޤައުމުގެ ކާބޯތަކެތީގެ އިންފްލޭޝަން މިހާ މަތިވި ފުރަތަމަ ފަހަރެވެ.
ތަކެތީގެ އަގުތައް މިހާރު ހުރި ވަރަށް ހުންނާނެކަމަށް ބަލައި ތެލާއި، ކާބޯތަކެތި އަދި ކަރަންޓަށް 51 ބިލިއަން ރިންގިޓް ހޭދަކުރަން ޖެހޭނެކަމަށް ލަފާކުރެވޭކަމަށް މެލޭޝިއާގެ މާލީ ވަޒީރު ޒަފުރުލް އަޒީޒް ވަނީ ވިދާޅުވެފައެވެ.
އެހެނިހެން ތަކެތީގެ ސަބްސިޑީގެ ގޮތުގައި 14.6 ބިލިއަން ރިންގިޓް ހޭދަކުރަން ނިންމާފައިވާއިރު ފައިސާގެ އެހީގެ ގޮތުގައި 11.7 ބިލިއަން ހޭދަކުރަންވެސް މެލޭޝިއާ ސަރުކާރުން ވަނީ ނިންމާފައެވެ. ކާބޯތަކެތީގެ އަގު އުފުލި ދިރިއުޅުމުގެ އަގު އުފުލުމުގެ ސަބަބުން މެލޭޝިއާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ގާތްގަޑަކަށް 400 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ހަރަދުކުރަން ވަނީ ނިންމާފައެވެ.