ކާބޯތަކެތި ލިބުން ދަތިވުމުގެ ސަބަބުން ބޮޑު ކާރިޘާއެއް ކުރިމަތިވެދާނެކަމުގެ ބިރު އެބައޮތްކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ވިދާޅުވެއްޖެއެވެ.
އެންޓޯނިއޯ ގުޓަރޭޝް މިހެން ވިދާޅުވީ އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި މުއްސަނދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އޮފިޝަލުންގެ ބައްދަލުވުމެއްގައި ދެއްވި ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ.
މޫސުމީ ބަދަލުތަކާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ބަނޑުހައިހޫނުކަން ތަޙަމަލު ކުރަމުންދާ އެތައް މިލިއަން ބައެއް ތިބިއިރު ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން މި ޙާލަތު އިތުރަށް ގޯސްވެފައިވާކަމަށް އެންޓޯނިއާ ވިދާޅުވިއެވެ. އަދި އަންނަ އަހަރު ހާލަތު މިއަށްވުރެ ގޯސްވާނެކަމަށްވެސް އެންޓޯނިއާ ވިދާޅުވިއެވެ.
ގަސްކާނާ އާއި ހަކަތައިގެ އަގު އުފުލިގެން ދިއުމުގެ ސަބަބުން އޭޝިއާ، އެފްރިކާ އަދި އެމެރިކާގެ ދަނޑުވެރިކަންވެސް ވަރަށް ބޮޑަށް ދަށްވެގެންދާނެކަމަށް އެންޓޯނިއާ ފާހަގަކުރެއްވިއެވެ.
ކާބޯތަކެތީގެ ދަތިކަން ހައްލުކުރުމަށް ޔުކްރެއިނުން ކާބޯތަކެތި އެކްސްޕޯޓު ކުރެވޭނެ ގޮތަކާއި މެދު އެއްބަސްވުމަކަށް އައުމަށް އދއިން މަޝްވަރާތައް ކުރަމުން ގެންދާކަމަށް އެންޓޯނިއާ ވިދާޅުވިއެވެ. އަދި ރަޝިއާއިން ކާބޯތަކެއްޗާއި ގަސްކާނާ ދުނިޔޭގެ ބާޒާރަށް ނެރެވޭނެގޮތްތަކެއް ހޯދަމުން އަންނަ ކަމަށްވެސް އެންޓޯނިއާ ވިދާޅުވިއެވެ.
އެންޓޯނިއޯގެ މެސެޖުގައި ވަނީ އިޤްޠިޞާދީ ދުވެލި ހަލުއި ކުރުމަށް ފަޤީރު ޤައުމުތަކުން ނަގާފައިވާ ލޯނުތައް މައާފްކޮށްދިނުމަށްވެސް ގޮވާލައްވާފައެވެ.