ޚަބަރު

ރިޟުވާންގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ 3 މީހަކު ހައްޔަރުކޮށްފި


ވަގަށް ނަގައި، މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި 3 މީހުން ހައްޔަރުކޮށްފައިވަނީ ނޫސްވެރިޔާ ރިޟުވާން މަރާލާފައިވާ މައްސަލައާއި ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި އެކުށް ހިންގުމަށް މަގުފަހި ކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެންކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ މއ.ފާގަފިލާގޭ، އުމުރުން 39 އަހަރުގެ އަހުމަދު އިސްމާއިލްއާއި، ކ.މާލޭ ދަފްތަރު ނަންބަރު RS8499 އުމުރުން 40 އަހަރުގެ އަހުމަދު މުއާޒު، އަދި މ.ލެގޫންވިއު އުމުރުން 30 އަހަރުގެ އިސްމާއިލް އަބްދުއްރަހީމްކަމަށެވެ.

ރިޟުވާން ވަގަށްނަގައި މަރާލާފައިވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި މިތިން މީހުންގެ ދައުރު މިކަމުގައި އޮތްކަން ވަނީ ހާމަވެފައެވެ. އެގޮތުން މިއަދު ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އިސްމާއިލް އަބްދުއްރަހީމް އަކީ ރިޟުވާން ގެއްލުމުގެ ކުރިން އޭނާއަށް ފާރަލައި ހެދި މީހެއްކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުން އެނގެއެވެ. އެކޮމިޝަންގެ ރިޕޯޓުގައި އޭނާއަކީ ސީރިއާއަށް ޖިހާދަށް ދިއުމަށްޓަކައި ތުރުކީގެ ބޯޑަރު ހުރަސް ކުރަން އުޅެނިކޮށް ޑީޕޯޓް ކޮށްލާފައިވާ މީހެއްކަންވެސް އެނގެއެވެ.

މީގެ އިތުރުންވެސް ބައެއް އެހެނިހެން ހަމަނުޖެހުންތަކުގައާއި، ހަރުކަށި ފިކުރުގެ އެކި ހަމަނުޖެހުންތަކުގައި އިސްމާއިލް އަބްދުއްރަހީމް ބައިވެރިވެފައިވާކަން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުން އެނގެއެވެ.