މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯތިތަކުގެ ހައްޤުވެރިންނަށް، އިންވަކިކޮށް ކުރިއަށްއޮތް އަހަރުތެރޭ ގޯތީގެ ލިޔުން ޙަވާލުކުރައްވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮގްރާމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށާއި، މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވީ ރައްޔިތުންނަށް ފްލެޓަށް އެދި ހުޅުވާލުމާއި، އެކަމަށް ބޭނުންކުރާ "ގެދޮރުވެރިން ޕޯޓަލް" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މާލެ ރައްޔިތުންނަށް ބިންވެރިޔާ ސްކީމުގެ ދަށުން އިޢުލާންކޮށްފައިވާ 3000 ގޯއްޗާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިޢުލާންކޮށްފައިވާ 4000 ފްލެޓަށް ވަކި ފަރުދެއްގެގޮތުގައާއި، އާއިލާ މެންބަރުންތަކެއް އެކުވެގެން ނުވަތަ މުޅި އާއިލާއެކުގައިވެސް ބައިވެރިވެވިދާނެކަމަށެވެ. އަދި މިއަދުން ފެށިގެން އެޕްލިކޭޝަނަށް ކުރިމަތިލުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދެވޭނެކަމަށާއި، އެއަށްފަހު ފޯމުތައް އިވެލުއޭޓްކޮށް، މަޢުލޫމާތު ސާފުކުރުމުގެ ކަންކަން ކުރެވިގެންދާނެކަމަށެވެ.
ސަރުކާރުން އިޢުލާންކޮށްފައިވާ 3000 ގޯތި މާލޭ ރައްޔިތުންނަށް ދޫކުރަނީ ހުޅުމާލޭގައި މިހާރު ތަރައްޤީނުކުރެވި ހުރިސަރަހައްދުތަކުންނާއި، ގުޅީފަޅުންނެވެ. އަދި 4000 ފްލެޓް ދޫކުރަނީ ހުޅުމާލެއިންނެވެ.
'ގެދޮރުވެރިން ޕޯޓަލް' މިނިސްޓަރ @AslamAslamtey ލޯންޗު ކޮށްދެއްވައިފި https://t.co/RySwwMr7Ph pic.twitter.com/1gQTqplATH
— Min.of National Planning, Housing & Infrastructure (@MoNPHImv) June 26, 2022
މިނިސްޓަރ ވިދާޅުވީ، ގުޅީފަޅު އިތުރަށް ހިއްކުމަށްޓަކައި މިމަހުގެ 16ވަނަ ދުވަހު ސަރުކާރުން އިތުރު ލޯނެއް ނަގާފައިވާކަމަށާއި، ވަރަށް އަވަހަށް ގުޅީފަޅު ބިން އިތުރުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. މުޅި މާލޭގެ ބޮޑުމިނަކީ ގާތްގަނޑަކަށް 200 ހެކްޓަރުކަން ފާހަގަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ، ގުޅީފަޅުން ޖުމްލަ 149 ހެކްޓަރުގެ ބިން ގޯތިދޫކުރުމަށް ޚާއްސަކޮށްފައިވާކަމަށެވެ. އަދި އެރަށުން 49 ހެކްޓަރު ޚާއްސަކޮށްފައިވަނީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްކަމަށެވެ.
"ގުޅީފަޅުގައި އަޅުގަނޑުމެން ގޯތި ދޫކުރުމަށް ކަނޑައަޅާ ޖާގައަކީ 149 ހެކްޓަރު. އޭގެ ތެރޭގައި ހިމެނިގެންދާނެ މަގުތަކާއި ޕާކުތަކާއި އަދި އެހެނިހެން ބޭނުންތަކަށް ހެދޭ ތަންތަންވެސް. އެހެންވީމަ އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީގައި 3000 ގޯތި ހުޅުމާލެއާއި ގުޅީފަޅުގެ މި ދެންނެވި ސަރަޙައްދުން ލިބިގެންދާނެ. އަދި އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލައިޒް ކުރެވިގެންދާއިރު ގޯތީގެ އަދަދު އެއަށްވުރެއްވެސް އިތުރުވެގެންދާނެކަމަށް. ޔަޤީން ކަށަވަރުކަމާއެކު ދެވޭނެ މިންވަރު އަޅުގަނޑުމެން މިއަދު މި އިޢުލާންކުރެވުނީ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، ގޯތިދޫކުރުމަކީ މާލޭ ރައްޔިތުން އެތައް ޒަމާންތަކެއް ވަންދެން އެދިއެދި ތިބިކަމެއްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް މި ސަރަހައްދުން 5000 ގޯތި ދޫކުރުމަށްޓަކާ އިތުރު ސަރަހައްދެއް ހިއްކުމުގެ ޕްލޭން ސަރުކާރުން ގެންގުޅުއްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކުރިއަށްއޮތް އަހަރުތެރޭ ގޯތީގެ ހައްޤުވެރިންނަށް އެ ގޯތިތައް ޙަވާލުކުރެވޭނެކަމަށެވެ.
"ސަރުކާރުގެ ނިޔަތްވަރަށް ސާފު. ވީ ވަޢުދުތައް ފުއްދުމަށް އަޒުމް ކަނޑައަޅައިގެން އަޅުގަނޑުމެން މި ތިބީ. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކުކަމެއްނެތް ކުރިއަށްއޮތް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ދެންނެވި 3000 ގޯތި ކަޑަޖަހައި، ގޯތިއޮތްތަން ފާހަގަކޮށް، ގޯތީގެ ރަޖިސްޓްރީ ހައްޤުވާ ފަރާތްތަކަށް ދެވޭނެކަމާމެދުގައި" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެގޮތުން މާލޭ ރައްޔިތުންނަށް ހިލޭ ގޯތިދޫކުރައްވާނެކަން މިއަހަރުގެ ރިޔާސީ ބަޔާޏުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާން ކުރައްވާފައެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، އެކަމާގުޅޭ އުޞޫލުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ އާންމުކުރައްވާފައެވެ.