ދުނިޔޭގެ ވިޔަފާރި

ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް ޖަޕާނުން އެދިއްޖެ


ހޫނުގަދަވުމުގެ ސަބަބުން ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާ ކައިރި ސަރަޙައްދުތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް ޖަޕާނުން އެދެފިއެވެ.

ހޫނުގަދަވެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި ބޭކާރު ގޮތުގައި ކަރަންޓު ބޭނުން ނުކުރުމަށް ޖަޕާނުގެ އިކޮނޮމިކް މިނިސްޓްރީ ވަނީ އެދިފައެވެ. ނަމަވެސް މާބޮޑަށް ހޫނުވާނަމަ ހީޓްސްޓްރޯކު ފަދަ މައްސަލަތަކުން ދުރުވުމަށް އެއާކޮންޑިޝަނަރ ބޭނުންކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޖަޕާނުގައި ހޫނުގަދަވަމުންދާތީ ކަރަންޓުގެ ޚިދުމަތް ކެނޑިދާނެކަމަށް މީގެކުރިންވެސް އެ ޤައުމުން އައީ ރައްޔިތުންނަށް އިންޒާރުދެމުންނެވެ.

މިދިޔަ ހަފްތާ ބަންދުގައި ވެރިރަށް ޓޯކިޔޯގެ ހޫނުމިން ވަނީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެފައެވެ. ޓޯކިއޯގެ ހުޅަނގު އުތުރުން އޮންނަ އިސެޒާކީގެ ހޫނުމިން ވަނީ 40.2 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. މިއީ ޖޫން މަހު އެންމެ ހޫނު ގަދަވި ކަމަށް ރެކޯޑުކުރެވިފައިވާ މިންވަރެވެ.

ޖޫން މަހަކީ ޖަޕާނަށް ހޫނު މޫސުން ފެށޭ މަހެވެ. ޖޫން މަހު ފިނިހޫނުމިން އާންމުގޮތެއްގައި ހުންނަނީ 30 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށްކޮށެވެ.

ޖަޕާނުގެ ކަރަންޓުގެ ދަތިކަން ކުރިމަތިވާން ފެށީ މާޗްމަހު އެ ޤައުމުގެ އުތުރުއިރުމަތީ ސަރަޙައްދަށް އައި ބިންހެލުމަކާއި ގުޅިގެން އެސަރަޙައްދުގައި ހުރި ނިއުކްލިއާ ޕަވަރ ޕްލާންޓެއްގެ މަސައްކަތް ހުއްޓާލަޖެހުމުންނެވެ.

ޖަޕާނުގައި ހޫނުގަދަވެ ހީޓްސްޓްރޯކް ޖެހިގެން މިދިޔަ އާދީއަތް ދުވަހު އެކަނިވެސް 46 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.