އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްޠިޞާދީ ކާރިޘާ އާއި ގުޅިގެން ޒަރޫރީ ބޭނުންތަކަށް ނޫންގޮތަކަށް އާންމުންނަށް ޕެޓްރޯލު ވިއްކުން އެ ޤައުމުން މެދުކަނޑާލައިފިއެވެ.
އިއްޔެ އިން ފެށިގެން ކުރިއަށްއޮތް ދެ ހަފްތާވެސް ލަންކާއިން ޕެޓްރޯލު ވިއްކާނީ ހަމައެކަނި ޒަރޫރީ ކަންކަމުގައި ބޭނުންކުރާ އުޅަނދުތަކަށެވެ. މިގޮތުން ޕެޓްރޯލު ވިއްކާނި ސިއްޚީ ޚިދުމަތް ފޯރުކޮށްދިނުމަށް ދަތުރުކުރާ އުޅަނދުތަކަށާއި، އާންމު ބަސްތަކާއި އަދި ކާބޯތަކެތި ފޯރުކޮށްދޭ އުޅަނދު ތަކަށެވެ.
ލަންކާގެ ކެބިނެޓް ތަރުޖަމާނު ބަންޑުލާ ގުނެވަރްދަނާ ވިދާޅުވީ ގޮތުގައި އިއްޔެއިން ފެށިގެން ޖުލައިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަމިއްލަ މީހުންނަށް ޕެޓްރޯލާއި ޑީސަލް ވިއްކުން މެދުކަނޑާލާނެއެވެ. އަދި މިއީ އެގައުމުގެ ތާރީޚުގައިވެސް ކުރިމަތިވި އިޤްޠިޞާދީ އެންމެ ބޮޑު ކާރިޘާކަމަށް ބަންޑުލާ ވިދާޅުވިއެވެ.
ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ލަންކާ ސަރުކާރުގެ ވަފުދެއް މިހާރު ވާނީ ގަތަރަށާއި ރަޝިޔާއަށް ފުރާފައެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން ލަންކާގެ ސްކޫލްތައް ބަންދުކޮށް ގިނަ އޮފީސްތަކުން ވަނީ ގޭގައި ތިބެގެން މަސައްކަތްކުރެވޭނެގޮތް ހަމައްޖައްސާފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ގައުމުގެ އިޤްޠިޞާދީ ދުވެލި މުޅިންހެން ހުއްޓި، ބޭރު ފައިސާ ލިބުން ލަންކާއަށް ވަނީ ދަތިވެފައެވެ. މިއާއިއެކު ތެލާއި ކާބޯތަކެތި ފަދަ އަސާސީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ހޯދާނެ މާލީ އެހީއަށް އެދި ލަންކާއިން ދަނީ ޤައުމުތަކާއި މަޝްވަރާތައް ކުރަމުންނެވެ.
ލަންކާއަކީ 1970 ވަނަ އަހަރު މުޅިދުނިޔެއަށް ކުރިމަތިވި "އޮއިލް ކްރައިސިސް"ގެ ފަހުން އާންމުންނަށް ޕެޓްރޯލު ވިއްކުން ހުއްޓާލި ފުރަތަމަ ޤައުމެވެ.
މިހާރު ދިމާވެފައިވާ އިޤްޠިޞާދީ ކާރިޘާއާ ގުޅިގެން އަސާސީ ބޭނުންތައް ފުއްދުމަށް މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް އެކަނިވެސް 5 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް މި މަހުގެ ކުރީކޮޅު ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާ ވަނީ ވިދާޅުވެފައެވެ.
ލޯނު އެހީ ލިބޭތޯ ލަންކާއިން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި މަޝްވަރާ ކޮށްފައެވެ.
މި ދަތިކަމުން އަރައިގަތުމަށްޓަކައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ޓެކްސްތައް ނަގާ މިންވަރުވެސް ލަންކާ ސަރުކާރުން މިހާރު ވަނީ އިތުރުކޮށްފައެވެ.