އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމެރިކާގެ އިޤްޠިޞާދީ ދުވެލި މަޑުވެއްޖެއެވެ.
ފުރަތަމަ ކުއާޓަރުގެ އެމެރިކާގެ އިޤްޠިޞާދީ ދުވެލި މަޑުޖެހިފައި މިވަނީ މީގެކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެ އަވަހަށެވެ.
އެމެރިކާގެ ބިއުރޯ އޮފް އިކޮނޮމިކް އެނާލިސިސް (ބީއީއޭ)ގެ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗަ މަހުގެ ނިޔަލަށް އެ ޤައުމުގެ ޖީޑީޕީ ވަނީ %1.6 އަށް ދަށްވެފައެވެ. އޭގެފަހުން އޭޕްރީލް މަހު ޖީޑީޕީ ވަނީ %1.4 އަށް ދަށްވެފައެވެ.
ޖީޑީޕީ ދަށްވުމުގެ ބައެއް ސަބަބުތަކުގެ ތެރޭގައި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކޮށްފައިވާ އަސަރުތަކާއި އޮމިކްރޯން ވޭރިއަންޓު ފެތުރުން ހިމެނެއެވެ. މީގެއިތުރުން މިއަހަރު ފެށުނު އިރު ކުރިމަތިވި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައިގެ ބާޒާރަށް އަސަރުކޮށް، ތަކެތި ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ދަތިތައްވެސް ޖީޑީޕީ ދަށްވާން ދިމާވި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ތަކެއްޗާއި ތެޔޮ އަދި ހަކަތައިގެ އަގުއުފުލި ތަކެތި ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އެމެރިކާގެ އިންފްލޭޝަން ވަނީ މީގެކުރިން ނުދާހާ މައްޗަށް ގޮސްފައެވެ.
އެމެރިކާގެ އިންފްލޭޝަން މަތިވަމުންދާއިރު، އަންނަ އަހަރު ދެވަނަ ކުއާޓަރުގައި އެމެރިކާގެ އިޤްތިޞާދު ރިސެޝަނަކަށް ހިނގައިދާނެކަމަށްވެސް އިޤްޠިޞާދީ މާހިރުން ވަނީ ލަފާކޮށްފައެވެ.