ޚަބަރު

އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ފެށުމަށް 4 މިލިއަން ރުފިޔާ


އިންޑިއާއިން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ފެށުމަށްޓަކައި އެޑްވާންސްގެ ގޮތުގައި 4 މިލިއަން ރުފިިޔާ ދިވެހި ސަރުކާރަށް ދޫކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ތެރެއިން ތަފާތު 7 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތައް އިޢުލާންކޮށްފައިވަނީ މިއަހަރުގެ މާރިޗުމަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އަދި މި މަޝްރޫޢުތަކުގައި އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ 18 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރު ނުވަތަ 26.8 މިލިއަން ރުފިޔާ ހިނގާނެކަމަށް އަންދާޒާކުރެވޭކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާގެ ހިލޭ އެހީގައި ރާއްޖޭގައި އަލަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް ޤާއިމުކުރުމާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ޔުނިޓަކާއި، ހުޅުމާލޭ ހޮސްޕިޓަލުގައި ޕްރޮސްތެޓިކްސް އެންޑް އޯތޮޓިކްސް މެނިފެކްޗަރިންގ ފެސިލިޓީއެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ނ. ލަންދޫ މާބުދުގޭ އަދި ތ. ދިޔަމިގިލީ ގަނދުވަރުގައި ޘަޤާފީ ތަންތަން ރައްކާތެރިކުރުމާއި، ނ. މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމާއި، ގއ.ގެމަނަފުށި އަދި އދ. ދިގުރަށުގައި ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުން ހިމެނެއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށާއި، ޒުވާނުންގެ ތަރައްޤީއާއި، ކުޅިވަރާއި، ސަޤާފަތަށް އަމާޒުކޮށް ހިންގާ މި މަޝްރޫޢުތަކަކީ ރާއްޖޭގައި ހައި އިމްޕްކެޓް މަޝްރޫޢުތައް ހިންގުމަށް ޙާއްސަކުރެވި، އިންޑިއާއިން ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ ހިލޭ އެހީެ ދަށުން ފަންޑުކުރެވިފައިވާ މަޝްރޫޢުތަކެކެވެ. އަލަށް އިއުލާންކުރި މި 7 މަޝްރޫއުތަކާއެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27 އަށް އަރައެވެ.

މި 27 ހައި އިމްޕެކްޓް މަޝްރޫޢުގެ އިތުރުން، އިންޑިއާގެ ފަރާތުން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫއެއްވަނީ ރާއްޖެއަށް ކަނޑައަޅާފައެވެ. މީގެތެރެއިން 17 މަޝްރޫއެއް މިހާރު ވަނީ ނިންމާ ބޭނުންކުރަން ފަށާފައެވެ.