މިދިޔަ މެއި މަހުގެތެރޭގައި ގްރީން ފަންޑުން 43 މަޝްރޫއަކަށް 36 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެއިމަހު 43 މަޝްރޫޢަކަށް ޚަރަދުކޮށްފައިވާއިރު، އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
މެއިމަހު ޚަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ އޭޕްރީލްމަހު ގްރީން ފަންޑުން ކުރި ޚަރަދާ އަޅާ ބަލާއިރު، %27ދަށް އަދަދެކެވެ. އޭޕްރީލްމަހު ގްރީން ފަންޑުންވަނީ 31 މަޝްރޫޢަކަށް، 43 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
- އައުޓަރ އައިލެންޑު ހާބަރ، ވޯޓަރ ސަޕްލައި އެންޑު ސުވަރޭޖް – 5.9 މިލިއަން ރުފިޔާ
- ފުވައްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު - 5.5 މިލިއަން ރުފިޔާ
- ފ. މަގޫދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް – 5.3 މިލިއަން ރުފިޔާ
- ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް - 2.1 މިލިއަން ރުފިޔާ
- ށ. ނަރުދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް – 1.7 މިލިއަން ރުފިޔާ
މެއިމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މެއިމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި، އެ ފައިސާ ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލްވަނީ ހާމަކޮށްފައެވެ.
މެއިމަހުގެ ނިޔަލަށް 476.1 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވާއިރު، އޭގެ ތެރެއިން 356.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މެއިމަހުގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ 827.6 މިލިއަން ރުފިޔާއެވެ.
ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
އެގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެއެެވެ.