ޚަބަރު

މަޑަވެލި-ހޯނޑެއްދޫ ބްރިޖްގެ އީއައިއޭގެ މަސައްކަތް މިމަހު ނިމޭނެ


މަޑަވެލި-ހޯނޑެއްދޫ ގުޅާލުމަށް ބްރިޖެއް އެޅުމުގެ ކުރިން ހަދާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިމަހު ފަހުކޮޅު ނިންމާ ޢަމަލީ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

2018ވަނަ އަހަރު ތަރައްޤީކޮށް ނިންމި މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މުޅިން ނަގާ، ދެރަށް ގުޅާލުމަށް ބްރިޖެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 223 މީޓަރުގެ ބްރިޖަކުން ގދ.މަޑަވެއްޔާ ގދ.ހާދޫ އަދި 160މީޓަރުގެ ބްރިޖަކުން ގދ.ހާދޫ އާއި ގދ.ހޯނޑެއްދޫ ގުޅާލުމަށެވެ. ދެން ހިމެނެނީ 262 މީޓަރުގެ މަގު ހެދުމާއި، 260 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 މަސްދުވަހުން ނިންމާގޮތަށެވެ. މުޅި މަޝްރޫޢުގެ އަގަކީ 84.2 މިލިއަން ރުފިޔާއެވެ.

އެއް ފަޅެއްގައި އޮންނަ މަޑަވެލި-ހޯނޑެއްދޫ ގުޅާލުމަށް ކޯޒްވޭގެ މަސައްކަތް ފެށީ ކުރީ ސަރުކާރުން 2016ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށީ 2018ވަނަ އަހަރުއެވެ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭއަކީ ދަޢުލަތުން 29 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ކޯޒްވޭއަކީ 440މީޓަރު ދިގު، 7މީޓަރު ފުޅާ ކޯޒްވޭއެކެވެ.

ނަމަވެސް ކޯޒްވޭ އަޅާފައިވަނީ ފަޅު ހުރަސްކޮށް، އަޑިން އޮއެ ދައުރުކުރާނެ ރަނގަޅު ނިޒާމެއް ނެތި ކަމަށްވާތީ، ތިމާވެށީގެ ގިނަ މައްސަލަތަކެއް ދެ ރަށަށް ދަނީ ކުރިމަތިވަމުންނެވެ. ޚާއްސަކޮށް އުދައިގެ ލޮނުގަނޑު ކޯޒްވޭގެ މައްޗަށް އަރާ ރަށުތެރެއަށް ރާޅު އަރަމުންދިއުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެއެވެ. ރަށުތެރެއަށް ލޮނު ވަންނަމުންދިއުމުގެ ސަބަބުން ހޯނޑެއްދޫ ދަނޑުބިންތަކަށްވެސް ގެއްލުންވަމުންދިޔައެވެ. އަދި ރަށްގިރުމުގެ މައްސަލަވެސް ދަނީ ކުރިމަތިވަމުންނެވެ.

ކޯޒްވޭ ހަދާފައިވަނީ ކޮންކްރީޓް ބޭސް ލޭޔަރއެއް އަޅާ، އޭގެ މައްޗަށް ވެލި އަޅައި އަރިމަތީގައި ރިވެޓްމަންޓް ޖަހައިގެންނެވެ. އަދި ރާޅުއަރާތީ ރަށުގެ ރައްޔިތުން ނުކުމެވަނީ އޮއި ދައުރުވާގޮތަށް ކޯސްވޭ މެދުން ކަނޑާލުމުން މިހާރު މަގުގެ ބޭނުން ރަށްތަކުގެ ރައްޔިތުންނަށް ނުހިފެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައިވެސް މަޑަވެލި ހޯޑެއްދޫއަށް އުދައަރާ ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. އެރަށު މީހުން ބުނާ ގޮތުގައި ކޯޒްވޭ މިހާރު އޮތްގޮތުން ދިޔަވަރު ބޮޑުވާ ވަގުތުގައި ރަށަށް އުދައިގެ އަސަރު ކުރެއެވެ.