ދެ އަހަރު ފަހުން ފުރަތަމަ ފަހަރަށް މިދިޔަ މަހު ޔޫރޯ ޒޯންގެ އުފެއްދުންތެރިކަން ދަށްވެއްޖެއެވެ.
އެސް އެންޑް ޕީ ގްލޯބަލްގެ އެންމެ ފަހުގެ ޕާޗޭސިންގް އިންޑެކްސް (ޕީއެމްއައި) ޖޫން މަހު ދަށްވެ ވަނީ 52.1ށް އަރާފައެވެ. މެއި މަހު އިންޑެކްސް ހުރީ 54.6 ގައެވެ.
ޔޫރޯ ޒޯންގެ އުފެއްދުންތެރިކަން ދެ އަހަރު ފަހުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި މިއީ ޑިމާންޑް ދަށްވުމުން ކުރިމަތިވި ކަމެއްކަމަށް އެސް އެންޑް ޕީގެ ޗީފް ބިޒްނަސް އިކޮނޮމިސްޓް ކްރިސް ވިލިއަމްސަން ވަނީ ބުނެފައެވެ. ތަކެތީގެ އަގުތައް އުފުލިގެން ދާން ފެށުމުން ޚަރަދުކުރުމުގައި ކަސްޓަމަރުން ކުރިއަށްވުރެ ބޮޑަށް ސަމާލުވެފައިވާތީ ޑިމާންޑް ދަށްވަމުން ދާ ކަމަށްވެސް ކްރިސް ބުންޏެވެ.
ޔޫރަޕްގެ މަރުކަޒީ ބޭންކުން އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކޮށްފައިވާ %2އަށް ވުރެ ހަތަރު ގުނަ އިތުރުވެ ޔޫރަޕްގެ އިންފްލޭޝަން ރޭޓު މިހާރު ހުރީ %8.4 ގައެވެ.
ޔޫރަޕްގެ އިތުރުން އޭޝިއާގެ އުފެއްދުންތެރިކަންވެސް ދަށްވެ ގްލޯބަލް ރިސެޝަނަކަށް ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަކެތީގެ އަގު އުފުލުމާއި ގުޅިގެން އިގްތިޞާދީ ގޮތުން ބައެއް ޤައުމުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ސަބަބުންވެސް ގްލޯބަލް ރިސެޝަންގެ ބިރު ބޮޑުވެފައިވާ ކަމަށް މާހިރުން ބުނެއެވެ.