މިއަހަރު ތެރޭ ތަކެތީގެ އަގަށް އިތުރު ބަދަލުތައް އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ތަކެތީގެ އަގަށް ބަދަލުތައް އައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މަތިވުން ހިމެނޭކަަމަށެވެ.
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި އަގުތައް މަތިވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރ އިބްރާހމް އަމީރު ވިދާޅުވީ އަގު މަތިވެފައިވަނީ ކާބޯތަކެތީގެ ބައިންކަމަށެވެ. ރާއްޖޭގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ގިނަ ބާވަތްތަކަކީ ރާއްޖެއިން ބޭރުން އިމްޕޯޓް ކުރާ މުދަލަށްވާތީ ބައިނަލްއަޤްވާމީ އަގުތަކަށް އަންނަ ބަދަލު ރާއްޖޭގެ އަގުތަކުން ފެނިގެންދާނެއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރު 4 މަސްދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު މަތިވިނަމަވެސް މިއަހަރުގެ ތެރޭގައި ޖުމުލަ އިންފްލޭޝަން އިތުރުނުވަނީ މުވާސަލާތީ ޚިދުމަތުގެ އަގު މިދިޔަ އަހަރުގެ ފަހުކޮޅު ހެޔޮކުރުމުގެ ސަބަބުންކަމަށެވެ.
އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ރާއްޖޭގެ އިޤުތިސާދު ފަހުގެ ތާރީޚުގައި ހީނަރުވެގެން ނުދާ މިންވަރަކަށް ހީނަރުވި ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޖެހިގެން އައި އަހަރު ގައުމުގެ އިޤުތިސާދު ކުރިއެރި ކަމަށެވެ. އަދި މިއަހަރުވެސް ގައުމުގެ އިގުތިސާދު 13 އިންސައްތަ އާއި 16 އިންސައްތައާ ދެމެދު ކުރިއަރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ދަޢުލަތުގެ ޚަރަދު ކުޑަ ކުރިނަމަވެސް މުސާރަތައް ކުޑަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. މި އަހަރު ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޚަރަދު ގާތްގަނޑަކަށް 6 އިންސައްތައަށް ކުޑަ ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ކޯވިޑުގައި ހުށަހެޅީ 37 ބިލިއަން. އެކަމަކު ޚަރަދު ކުރީ 28 ބިލިއަން ރުފިޔާ. އޭރު ވެސް ޚަރަދު ކުޑަކުރެވުނު މި އަހަރުގެ މިހާތަނަށް ބެލިނަމަވެސް ރިކަރަންޓް ޚަރަދުން 22 އިންސައްތަ ވަނީ ކުޑަކުރެވިފައި. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.
އިޤްތިޞާދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމް ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ޚަރުދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫޢެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.