ކޮމަން ސީސް ޖަމިއްޔާއާއެކު ޤާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
"ސިންގަލް ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭން 2020-2023" ގެ އެއްބަސްވުމުގައި އެންވައިރަމެންޓް މިނިސްޓްރީން ކޮމޮން ސީސް ޖަމިއްޔާއާއެކު ސޮއިކޮށްފައިވަނީ މިދިޔަަމަހު ކުރިއަށްދިޔަ 'ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް 2022' ތެރެއިންނެވެ.
ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ބޭއްވި 'ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް 2022' ގެ ތެރެއިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ކޮމަންސީސް ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ސީއީއޯ ޖޯ ރޮއިލްއެވެ.
ސިންގަލް ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭނަކީ، ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ތަންފީޒު ކުރަމުންދާ ޕްލޭނެކެވެ.
އެންވައިރަމެންޓް މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ސިޔާސަތާ ގުޅުވައިގެން މި ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ކޮމަން ސީސް ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ސިންގަލް ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ ދަށުން ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށް ޓަކައި 6 ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ. މި ސިޔާސަތުތައް އެކި މަރުހަލާތަކަށް ބަހާލައިގެން އަންނަނީ ތަންފީޒު ކުރަމުންނެވެ.
Minister Aminath Shauna @anuahsa and Common Seas CEO @Jo_Royle signed an MOU during the #UNOceanConference2022 The MOU aims on establishing a corporation between two parties to implement Maldives single use plastic phase out plan 2020 - 2023@CommonSeas pic.twitter.com/HSDGG12Lys
— Min. of Environment, Climate Change and Technology (@MoEnvmv) July 6, 2022
"ސިންގަލް ޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭން 2020-2023"ގައި ސޮއި ކުރި ކޮމަން ސީސް އަކީ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުން އަންނަ ޖަމާއަތެކެވެ. ޕްލާސްޓިކް ޕޮލިއުޝަންގެ ހައްލު ދެނެގަނެ، ސަރުކާރުތަކާއި ކައުންސިލްތަކާއި ވިޔަފާރިތަކާއި އަމިއްލަ އުފެއްދުންތެރިންނާ ގުޅިގުން ކޮމަން ސީސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ ޖޫން މަހުން ފެށިގެން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައެވެ. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ނިންމާފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި 8 ބައްވަތެއް މަނާ ކުރާނެއެވެ.